ޚަބަރު

ސައިންސްގެ ހޯދުންތަކާއެކު ޤުރުއާނުގެ ޞައްޙަކަން ދަނީ ސާބިތުވަމުން


ފަހުގެ ސައިންސްވެރިންގެ ހޯދުންތަކާއި ޢިލްމީ ހޯދުންތަކުން ހާމަވާ ހަޤީގަތްތަކުން ޤުރުއާނުގެ މަތިވެރިކަމާއި ޞައްޙަކަން އިތުރަށް ސާބިތުވެ ކަށަވަރުވަމުން އަންނަކަމަށް ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ބާނީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ އިޙްޔާ ފޯރަމްގެ ދެވަނަ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫން ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ރަމަޟާން މަހު ބާއްވާ އިޙްޔާ ފޯރަމްގެ ދެވަނަ ޖަލްސާގައި ކުރީގެ ރައީސް އަދި އެ ފައުންޑޭޝަންގެ ބާނީ މައުމޫނު ޢަބްދުލްޤައްޔޫމް ތަޤްރީރު ކުރެއްވާފައިވަނީ، "މާތް ﷲ ބިން ދެދުވަހުގެ ތެރޭގައި ހެއްދެވުން - ކީރިތި ޤުރުއާނާއި ސައިންސްގެ ޢަލީގައި" މި މަޢުޟޫއަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މާތް ﷲ ބިމާއި ކައުނު އުފައްދަވާފައިވާ ގޮތާއި ކައުނުގެ ބޮޑުމިނާއި ގުޅޭގޮތުން ޤުރުއާނާއި ސައިންސްގެ ދަލީލުތަކަށް ތަފްސީލުކޮށް ބައްލަވާލެއްވެވިއެވެ. އެގޮތުން ނޯބެލް އިނާމު ލިބިފައިވާ ތިން ސައިންޓިސްޓަކު 2011 ވަނަ އަހަރު ހޯދައިފައިވާ ހޯދުންތަކެއްގެ ނަތީޖާ، މީގެ އެތައް ޤަރުނެއް ކުރިން ބާވާލައްވާފައިވާ ކީރިތި ޤުރުއާނުގައި ސަރީޙަކޮށް ބަޔާންކޮށްދީފައި ވާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި، މިފަދަ ކަންކަމުން މާތް ﷲ ގެ ކުޅަދުންވަންތަވެރިކަން އިތުރަށް ސާބިތުވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާތްﷲ ގެ ކުޅަދުންވަންތަކަން އިޙްސާސް ކުރުމަށް ކީރިތި ޤުރުއާނާއި ވަށައިގެންވާ ކައުނާއިމެދު ވިސްނާ ފިކުރު ކުރުމަށް ރައީސް މަޢުމޫން ވަނީ އިލްތިމާސް ކުރައްވާފައެވެ. ރަމަޟާން މަހު ދީނީކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ އިހްޔާ ފޯރަމްގެ ޖަލްސާތައް ބާއްވަނީ ކޮންމެ ހަފްތާއެއްގެ ބުދަދުވަހެއްގެ ރޭގައެވެ.