އާމްދަނީ އިތުރުކުރުމުގެ ސިޔާސަތަކުން އަންނަ އަހަރުތެރޭ އިތުރު 4.9 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.8 ބިލިޔަން ރުފިޔާއެވެ. މި އަދަދަކީ މިއަހަރުގެ އާމްދަނީގެ އަދަދާއި އަޅާބަލާއިރު، %16.1 އިތުރު އަދަދެކެވެ.
• 2025 : 39.8 ބިލިޔަން ރުފިޔާ
• 2024 : 34.1 ބިލިޔަން ރުފިޔާ
• 2023 : 34.2 ބިލިޔަން ރުފިޔާ
• 2022: 29.0 ބިލިޔަން ރުފިޔާ
ދައުލަތުގެ އާމްދަނީ އެންމެ ގިނައިން ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އާމްދަނީގެ ސިޔާސަތުތަކުންނެވެ.
• ޓެކްސް އާމްދަނީ : 29.2 ބިލިޔަން ރުފިޔާ
• ޓެކްސް ނޫން އާމްދަނީ : 8.0 ބިލިޔަން ރުފިޔާ
• ހިލޭ އެހީ : 2.6 ބިލިޔަން ރުފިޔާ
އާމްދަނީގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް އާއި ޓޫރިޒަމް ގުޑްސް ސަރވިސަސް ޓެކްސްއިންނެވެ.
- ޓޫރިޒަމް ގުޑްސް ސަރވިސަސް ޓެކްސް: 9.9 ބިލިޔަން ރުފިޔާ
- ބިޒްނަސް އަދި ޕްރޮޕަޓީ ޓެކްސް: 5.2 ބިލިޔަން ރުފިޔާ
- ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް: 5.4 ބިލިޔަން ރުފިޔާ
- އިމްޕޯޓު ޑިއުޓީ: 4.6 ބިލިޔަން ރުފިޔާ
- ރިސޯޓުތަކުގެ ކުލި: 1.9 ބިލިޔަން ރުފިޔާ
އަންނަ އަހަރުތެރޭ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ސިޔާސަތުތަކާއި އެކު އިތުރު 4.9 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އެއާޕޯޓު ޓެކުހާއި ފީގެ ރޭޓުތަކައް ގެންނަ ބަދަލުތަކުންނެވެ.
- ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ރޭޓުތައް ބަދަލުކުރުން: 1.1 ބިލިޔަން ރުފިޔާ
- އެއަރޕޯޓު ޓެކުހާއި ފީގެ ރޭޓުތައް ބަދަލުކުރުން: 1.6 ބިލިޔަން ރުފިޔާ
- ގްރީން ޓެކުހުގެ ރޭޓުތައް މަތިކުރުން: 1.0 ބިލިޔަން ރުފިޔާ
- ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުން: 0.7 ބިލިޔަން ރުފިޔާ
- ބިން ހިއްކުމަށް ނަގާ ވެލިން ފީއެއް ނެގުން: 0.3 ބިލިޔަން ރުފިޔާ
- ޖީއެސްޓީ ރޭޓު މަތިކުރުން: 0.2 ބިލިޔަން ރުފިޔާ
ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ބަޖެޓުގައި އަހަރުގެތެރޭގައި ރިފޯމުތައް ތަންފީޒުކުރަން ހިމަނާފައިވެއެވެ.