މިހާރު ވެސްޓް އިންޑީޒްގައި ކުޅެމުންދާ ޓީ20 ސީރީޒްގެ ފުރަތަމަ މެޗުގައި ފިލް ސޯލްޑްގެ ސައްތައާއެކު އިންގްލެންޑުން އަށް ވިކެޓުން މޮޅުވެއްޖެއެވެ.
ބާބަޑޯސްގެ ބްރިޖްޓައުންގައި އިއްޔެ ކުޅުނު މި މެޗުގެ ޓޮސް ދިމާވުމުން އިންގްލެންޑުން ގަސްދުކުރީ ހޮވަން އަރާށެވެ. ވެސްޓް އިންޑީޒުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ނުވަ ވިކެޓަށް 182 ލަނޑުހެދިއެވެ.
ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، ނިކޮލަސް ޕޫރާން 38 ލަނޑުހެދިއިރު، އަންދްރޭ ރަސެލް ވަނީ 17 ބޯޅައިން 30 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 22 ބޯޅައިން 35 ލަނޑުހެދި ރޮމާރިއޯ ޝެޕާޑް އެވެ. މީގެއިތުރުން، 14 ބޯޅައިން 33 ލަނޑުހެދި ގުޑަކޭޝް މޯޓީގެ ކުޅުންވެސް ފާހަގަކޮށްލެވުނެވެ.
އިންގްލެންޑުން އެންމެ ރަނގަޅަށް އުކީ ސާގިބް މަހްމޫދު އާއި އާދިލް ރާޝިދު އެވެ. ސާގިބް މަހްމޫދު ހަތަރު ވިކެޓްނެގިއިރު، އާދިލް ރާޝިދު ތިން ވިކެޓްނެގިއެވެ.
ޖަވާބުގައި ކުޅެން އަރައި، އިންގްލެންޑުން ވަނީ 16.5 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 183 ލަނޑުހަދައިފައެވެ. އެންމެ ރަނގަޅަށް ކުޅުނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިކެޓްކީޕަރު ބެޓްސްމަން، ފިލް ސޯލްޓް އެވެ. އޭނާ ވަނީ ނުބައިނުވެ 54 ބޯޅައިން 103 ލަނޑުހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 36 ބޯޅައިން 58 ލަނޑުހެދި ޖޭކޮބް ބެތެލް އެވެ. އެ ޓީމުގެ ކެޕްޓަން، ޖޮސް ބަޓްލާ ނުބައިވީ ސުމަކަށެވެ.
މި އިނިންގްސްގައި ވެސްޓް އިންޑީޒްގެ ގުޑަކޭޝް މޯޓީ އާއި ރޮމާރިއޯ ޝެޕާޑް ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއްނެގިއެވެ.