ޚަބަރު

އެޓްލާންޓާ އަތުން ބަލިވެ މެސީގެ އިންޓަރ މަޔާމީ ކަޓައިފި


އެމެރިކާގެ މޭޖަރ ލީގު ސޮކާ (އެމްއެލްއެސް) ގެ ގަދަ 16 ގެ ބުރުގައި އެޓްލާންޓާ އަތުން 3-2 އިން ބަލިވެ، ލިއޮނަލް މެސީގެ އިންޓަރ މަޔާމީ މުބާރާތުން ކަޓައިފިއެވެ.

އެޓަލަންޓާއިން ވަނީ ތިން މެޗުގެ އެގްރިގޭޓުން 6-5 ގެ ނަތީޖާއަކުން މަޔާމީގެ މައްޗަށް ކުރިހޯދާފައެވެ. މި މުބާރާތުގެ ގަދަ 16 ބުރުގައި މީގެކުރިން މި ދެޓީމު ކުޅުނު އަނެއް ދެ މެޗުން ކޮންމެ ޓީމެއް މޮޅުވީ 2-1 އިންނެވެ.

ފްލޮރިޑާގައި ހުންނަ ޗޭސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ފެށިގެން 17 ވަނަ މިނެޓުގައި ލީޑު ނަގާފައިވަނީ މަޔާމީންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ މަޓިއަސް ރޮހާސް އެވެ. އޭގެ ދެ މިނެޓުފަހުން ޖަމާލް ތިއާރޭ ވަނީ އެޓަލަންޓާއަށް އެއްވަރުކޮށްދީފައެވެ. އަދި، އެ ޓީމުން އެއްވަރުކުރިތާ ދެ މިނެޓުގެތެރޭގައި ޖަމާލް ތިއާރޭ ވަނީ އިތުރު ގޯލެއްޖަހައި، އެޓްލާންޓާ އަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދީފައެވެ. އޭގެފަހުން، މިއާމީގެ ޑިއޭގޯ ގޮމޭޒް ގޯލެއް ކާމިޔާބުކޮށް، އެ ޓީމަށް އެއްވަރުކޮށްދިންނަމަވެސް ރެފްރީ އެ ލަނޑު ގަބޫލުނުކުރިއެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން އެޓްލާންޓާ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، މިއާމީ އަށް އެއްވަރުކޮށްދޭން ޖޯޑީ އަލްބާ އަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ އެޓްލާންޓާގެ ގޯލްކީޕަރު، ބްރެޑް ގުޒާން މަތަކުރިއެވެ.

މެޗުގެ 65 ވަނަ މިނެޓުގައި މިއާމީގެ ކެޕްޓަން، މެސީ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އެކަމަކު، އޭގެފަހުން، މެޗުގެ 76 ވަނަ މިނެޓުގައި ބާޓޯސް ސްލީޝް ވައްދާލި ލަނޑާއެކު އެޓްލާންޓާ އިން އަނެއްކާވެސް ލީޑްނެގިއެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތެރޭގައި މިއާމީ އަށް ލިބުނު ހިލޭޖެހުމަކުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ އެޓްލާންޓާގެ ޑިފެންސިވް ފާރަށެވެ.