ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސެއިންޓް ޕައުލީ އަތުން 0-1 އިން ބަޔާން މިއުނިކް މޮޅުވެ، ތާވަލްގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ރޭގެ ނަތީޖާއާއެކު ބަޔާން އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު 10 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އާރްބީ ލީޕްޒިގަށް 10 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ. އެއްމެޗު މަދުން ކުޅެގެން ތިންވަނައިގައި އޮތް އެއިންޓްރަކްޓް ފްރޭންކްފާޓަށް ނުވަ މެޗުން 17 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ލަނޑުގެ ތަފާތުން އޮތީ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނެވެ.
ސެއިންޓް ޕައުލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް ފޮނުވާލި ބަޔާނުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 23 ވަނަ މިނެޓުގައި ބަޔާނަށް ކާމިޔާބުކޮށްދިނީ ޖަރުމަންގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާ އެވެ. މިއީ ގޯލާ ގާތްގަނޑަކަށް 28 މީޓަރުދުރުން ފޮނުވާލި ހަމަލާއަކުން މުސިއާލާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި ފަސްވަނަ ލަނޑެވެ.
އޭގެފަހުން، ބަޔާންގެ ލީޑް ފުޅާކޮށްދޭން މުސިއާލާ އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުނުއިރު، ސެއިންޓް ޕައުލީގެ ކީޕަރު ކައިރިން ހުހަށް ހުރެ ހެރީ ކޭން އަށް ލިބުނު ފުރުޞަތުވެސް ވީބޭކާރެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި 1-1 ލެވަކޫސަންއާ ބޯކުމް ވަނީ އެއްވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކްގެ ފޯވާޑް، ޕެޓްރިކް ޝިކް ވައްދާލި ލަނޑުން ލެވަކޫސަން ލީޑްނަގާފައިވަނިކޮށް، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ބޯކުމް އަށް އެއްވަރުކޮށްދިނީ ކޯޖީ މިޔޯޝީ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ބޮރޫޝިއާ ޑޯޓްމުންޑުން ވަނީ ރަށުން ބޭރުގައި 1-3 އިން މައިންޒް އަތުން ބަލިވެފައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި މައިންޒްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ޑޯޓްމުންޑްގެ ޖަރުމަން މިޑްފީލްޑަރު، އެމްރޭ ޗާން އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގެ 36 ވަނަ މިނެޓުގައި މައިންޒްގެ ފުރަތަމަ ލަނޑު، ޖައެ-ސުންގް ލީ ކާމިޔާބުކޮށްދިންއިރު، އޭގެ ހަތަރު މިނެޓުފަހުން ލިބުނު ޕެނަލްޓީއަކުން ޑޯޓްމުންޑަށް އެއްވަރުކޮށްދިނީ ސެރްހޫ ގިރާސީ އެވެ. އޭގެފަހުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި މައިންޒްގެ ޖޮނަތަން ބުރްކާޓް ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، ދެވަނަ ހާފުގެ ކުރީކޮޅު ޕައުލް ނެބެލް ވައްދާލި ލަނޑުން މައިންޒް ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.