ޚަބަރު

ވެއާ އާއި ޔިލްޑީޒްގެ ލަނޑުން ޔުވެންޓަސްއަށް މޮޅެއް


އިޓާލިއަން ލީގުގައި ރޭ ކުޅުނު ޓިއުރިން ޑާބީގައި ޓިމޮތީ ވެއާ އާއި ކެނާން ޔިލްޑީޒް ވައްދާލި ލަނޑާއެކު ޓޮރީނޯ އަތުން 0-2 އިން ޔުވެންޓަސް މޮޅުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ޔުވެންޓަސް އިން ބަލިނުވެ ފުރިހަމަކުރި 12 ވަނަ މެޗެވެ. މިހާތަނަށް އިޓާލިއަން ލީގުގައި މެޗަކުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ ވެސް ޔުވެންޓަސް އެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް ވަނީ އެއްމެޗު އިތުރަށް ކުޅެގެން ލީގުގެ ދެވަނައިގައި އުޅޭ އިންޓަ މިލާނާ އެއްވަރަށް 24 ޕޮއިންޓް ހަމަކޮށްފައެވެ. އެންމެ ކުރީގައި އުޅޭ ނާޕޮލީ އަށް 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އެޓަލާންޓާ އޮތީ 11 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.

އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން 18 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑްނެގީ އެމެރިކާގެ ފޯވާޑް، ވެއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޔުވެންޓަސްގެ އަންދްރެއާ ކަމްބިއާސޯ ފޮނުވާލި ހަމަލާއެއް ޓޮރީނޯގެ ގޯލްކީޕަރު، ވަންޔާ މިލިންކޮވިޗް-ސަވިޗްގެ އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެތެރެއަށް ފޮނުވާލައިގެން ވެއާ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ޔުވެންޓަސްގެ ލީޑް ފުޅާކޮށްދޭން ސާބިއާގެ ފޯވާޑް، ޑޫސަން ވްލާހޮވިޗްގެ އިތުރުން ފްރާންސިސްކޯ ކޮންސެސާއޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް، ޔުވެންޓަސްގެ ދެވަނަ ލަނޑުޖަހައިދިނީ ތުރުކީގެ ހުނަރުވެރި ވިންގް، ޔިލްޑީޒް އެވެ. ކޮންސެސާއޯ ނަގައިދިން ހުރަހެއްގެ އެހީގައި ޔިލްޑީޒް މިލަނޑުޖެހީ ބޮލުންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކަލިއާރީގެ ދަނޑުގައި 3-3 އިން އޭސީ މިލާން ވަނީ އެއްވަރުވެފައެވެ. މި މެޗުގައި ކަލިއާރީގެ ގެބްރިއެލް ޒަޕާ ދެ ލަނޑުޖެހިއިރު، އަނެއް ގޯލް ކާމިޔާބުކޮށްދިނީ ނާދިރް ޒޯޓެއާ އެވެ. މިލާނުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޕޯޗުގީޒް ވިންގް، ރަފައެލް ލެއާއޯ އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ ޓެމީ އެބްރަހަމް އެވެ.