ޚަބަރު

ފަހަތުން އަރައި ބްރައިޓަން އިން ސިޓީ ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން ބްރައިޓަން އިން ކާމިޔާބުކޮށްފި އެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވުމާއިއެކު އެ ޓީމު އޮތީ ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. ބްރައިޓަން ވަނީ 19 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރުވަނަ މަގާމް ހޯދާފަ އެވެ.

މި މެޗުން ބަލިވުމާއެކު 2006 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު މެޗުން މެންޗެސްޓަރ ސިޓީ ބަލިވި މިއީ ފުރަތަމަ ފަހަރެވެ.

ސިޓީ އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިވާއިރު މި މެޗަށް ނިކުތުމުގެ ކުރިންވެސް ސިޓީގެ ކޯޗު ގަޑިއޯލާ ވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަނިޔާ ވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މެޗުގެ 23 ވަނަ މިނިޓުގައި ސިޓީގެ ފޯވަޑް އާލިން ހާލަންޑް ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ކޮވަސިޗް ދިން ޕާސް ފުރަތަމަ ފަހަރަށް ހާލަންޑް ފޮނުވާލުމުން ބްލޮކް ކުރި ނަމަވެސް ދެވަނަ ފަހަރު އޭނާ ވަނީ ގޯލުގެ ތެރެއަށް އެ ބޯޅަ ވައްދާލާފަ އެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ބްރައިޓަން އިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާ ރަގަޅު ކުޅުމެއް ދައްކާފަ އެވެ. ބްރައިޓަން އަށް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުހިފި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޮއާއޯ ޕެޑްރޯ ވަނީ މެޗުގެ 78 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި މި މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޓް އޮރިލޭ އެވެ. މިއީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މެޓް އޮރިލޭ އަލުން ކުޅުމުގެ ތެރެއަށް އައި ފުރަތަމަ މެޗެވެ.

މީގެ ކުރިން ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ބަޔާން މިއުނިކް ވަނީ 15-2014 ވަނަ އަހަރުގެ ސީޒަނުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފަ އެވެ.

ކުރިއަށް މިއޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު ގަޑިއޯލާއަށް ސިޓީގެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ. ސިޓީ ދެން އެންމެ އަވަހަށް މެޗެއް ކުޅެން ޖެހޭނީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޓޮޓްންހަމް ހޮޓްސްޕަރ އާއި ދެކޮޅަށެވެ.