ޚަބަރު

ވިނީޝިއުސްގެ ހެޓްރިކުން ރެއާލް މޮޅުވިއިރު، މިލިޓާއޯއަށް އަނިޔާވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ އޮސަސޫނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބުކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 27 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 12 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.

މި މެޗުގެ 30 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ އެޑާ މިލިޓާއޯގެ ލިގަމެންޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ. އަދި ގިނަ ދުވަސްތަކަކަށް އޭނާ ކުޅުމާއި ދުރަށް ދާނެ ޖެހޭނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ. ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޮއްޓީ ވަނީ މިލިޓާއީ ގެ ބަދަލުގައި ރައުލް އެސެންސިއޯ ކުޅެން އަރުވާފަ އެވެ. މިއީ އޭނާ ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗަށްފަހު ރެއާލް މެޑްރިޑް އިން ބުނެފައިވަނީ މިލިޓާއޯ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވަރަށް އަވަހަށް އޭނާގެ ފައިގެ ސާރޖަރީ އެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މި މެޗުގެ 34 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވަޑް ވިނީޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ޖޫޑް ބެލިންހަމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ މިސީޒަނުގައި ބެލިންހަމް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މެޗުގެ ދެވަނަ ހާފްގައި ވިނިޝިއަސް ޖޫނިއާރ ވަނީ އިތުރު ދެ ލަނޑު ޖަހާ މި މެޗުގައި ހެޓްރިކް ހަދާފަ އެވެ. މިއީ މި ސީޒަނުގެ ލީގުގައި ވިނިޝިއަސް ހެދި ދެވަނަ ހެޓްރިކެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑުން ފުރުސަތު ދީފައިނުވާ ކިލިއަން އެމްބާޕޭ މި މެޗުގައި ކުޅުނު ނަމަވެސް އޭނާއަށް މި މެޗުގައިވެސް އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތް ވަނީ ނުވެފަ އެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފައިވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭތީ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އަދި އެއީ ހަމައެކަނި އެ ކްލަބަށް ކުރިމަތިވާނެ މައްސަލައެއް ނޫން ކަމަށާއި އެކަން ހުރިހާ ކްލަބަކަށްވެސް ކުރިމަތިވާނެ ކަމަށެވެ.