ދީން

ސަޢޫދީން ދިން 2000 ކޯޓާގެ ތެެރެއިން 1000 ކޯޓާ ޙައްޖު ކޯޕަރޭޝަނަށް


މިއަހަރު ދިވެހިން ޙައްޖަށް ދިއުމަށް ރާއްޖެއަށް ލިބިފައިވާ ދެހާސް ކޯޓާގެ ތެރެއިން އެއްހާސް ކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ސަރުކާރުން ދެއްވައިފިއެވެ.

ބާކީ އެއްހާސް ކޯޓާ ވަނީ ފަސް ގްރޫޕަކަށް ހަމަހަމައަށް ބައްސަވާލައްވައި، ކޮންމެ ގްރޫޕަކަށް ދުއިސައްތަ ކޯޓާ ދެއްވާފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދެވޭ ދިވެހިންގެ ޢަދަދު އިތުރުކުރެއްވުމަށްޓަކައި ދިވެހި ސަރުކާރުން އެންމެ މަތީފެންވަރުގައި ކުރެއްވި މަސައްކަތާ ގުޅިގެން މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް 2000 ދިވެހިންނަށް ޙައްޖުގެ ކޯޓާ ލިބޭނެ މަގު ވަނީ ތަނަވަސްވެފައެވެ. މި ފުރުޞަތު ސަޢޫދީ ސަރުކާރުން ދިވެހިންނަށް ދީފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވުމާއެކު ރައީސް ޢަބްދުﷲ ޔާމީނު ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު ޤާއިމްކުރައްވަފައިވާ ގާތްގުޅުމެއްގެ ސަބަބުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ދިވެހިންނަށް ޙައްޖަށް ދެވޭނެ މަގު އިތުރަށް ތަނަވަސްކުރައްވައި ހަމަހަމަ އުޞޫލަކުން ފުރުޞަތު ދެއްވުމަށާއި ޙައްޖަށް މީހުން ގެންދިއުމުގެ ޔަޤީންކަން ހޯއްދެވުމަށް ސަރުކާރުން ޙައްޖު ކޯޕަރޭޝަނެއް އުފެއްދެވިފަހުން ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާގެ މަދުވެގެން ދެބައިކުޅަ އެއްބައި ޚާއްޞަކުރައްވަނީ އެ ކުންފުންޏަށެވެ. އެގޮތުން މިއަހަރު އެއްހާސް ކޯޓާ ޙައްޖު ކޯޕަރޭޝަނަށް ސަރުކާރުން ދެއްވާފައިވާއިރު އަމިއްލަ ފަސް ކުންފުންޏަކަށް ސަރުކާރުން ވަނީ ބާކީ އެއްހާސް ކޯޓާ ބައްސަވާލައްވާފައެވެ. އެއިން ކޮންމެ ގްރޫޕަކަށް 200 ކޯޓާ ދެއްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14660058816686.jpg|ދިވެހި ހައްޖާޖީންތަކެއް ހައްޖުގެ އަޅުކަމުގައި- ފައިލް ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް ކޯޕަރޭޓް އެފެއަރޒް އިބްރާހީމް ރަމީޒް ވިދާޅުވީ، މިއަހަރު ޙައްޖަށް ދާން 1000 ކޯޓާ ލިބުމުގެ ކުރިން ޙައްޖަށް ދެވޭނެކަމަށް ކަށަވަރުވެފައިވާ މީހުންގެ މެޑިކަލް، ޕާސްޕޯޓް އަދި ވެކްސިންގެ ކަންކަން މިހާރު ފަށްޓަވާފައިވާކަމަށެވެ. އަދި ފަހުން ރާއްޖެއަށް ލިބުނު އެއްހާސް ކޯޓާގެ ތެރެއިން ސަރުކާރުން އެކުންފުންޏަށް ދެއްވި 400 ކޯޓާގެ މީހުންގެ މެޑިކަލް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާން ރަޖިސްޓްރީވެފައިވާ މީހުންގެ ކިއު ލިސްޓުގައި އެންމެ އަވަހަށްވެސް ޙައްޖަށްދާން ޖާގަ ލިބެނީ 2020 ވަނަ އަހަރުކަމަށް ވީނަމަވެސް، ރާއްޖެއަށް ލިބުނު އިތުރު އެއްހާސް ކޯޓާގެ ސަބަބުން އެފަރާތްތަކަށްވެސް އަވަހަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ތަނަވަސް ވެގެން ގޮސްފައިވާކަމަށް ރަމީޒް ވިދާޅުވިއެވެ. ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާން 4000 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީގައި އެބަތިއްބެވެ.

ޙައްޖު ކޯޕަރޭޝަނުން ޙައްޖަށްދާން ނަގާ އަގަކީ 69965 ރުފިޔާ. ޙައްޖަށްދާން ފައިސާދެއްކޭނެ 2 ޕެކޭޖެއް އެކުންފުނިން ތަޢާރަފްކޮށްފައިވެއެވެ. އެގޮތުން ގަނޑުކޮށް، ފައިސާ ދައްކައިގެންނާއި، ބައިބަޔަށް ބަހާލައިގެންވެސް ފައިސާ ދެއްކޭނެއެވެ. އެގޮތުން 500 ރުފިޔާއިން އެކޯޕަރޭޝަންގައި ރަޖިސްޓްރީކޮށް، 75 އިންސައްތަ ފައިސާ ދެއްކުމުން އެންމެ އަވަހަށް ޖާގަލިބޭ އަހަރަކަށް ޖާގަ އެފަރާތަކަށް ރިޒާވް ކޮށްދެމުން ދާކަމަށް ރަމީޒް ވިދާޅުވިއެވެ. ޙައްޖަށް ދިއުމަށް ރަޖިސްޓްރީވެފައިވާ ކިއޫ ތަރުތީބުން ޙައްޖަށް ގެންދިއުމަށް އެކޯޕަރޭޝަނުން އިސްކަންދޭއިރު، އޭގެތެރެއިން 95 އިންސައްތަ މީހުންނަކީ މުޅިން އަލަށް ޙައްޖަށްދާ މީހުންކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ.