ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން އިންތިޒާމުކޮށްގެން ބޭއްވި 10 ވަނަ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމްބީއެސް) އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމްއައި ކޮލެޖު ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗުތަކާއި އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ޙުސައިން މުޙައްމަދު ލަޠީފް އެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްބީއެސް ހޯދީ ފައިނަލުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް (ސީއެފްއެސް) އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްބީއެސް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްބީއެސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ސީއެފްއެސް އިން އެޓީމުގެ ޑިފެންސް ރަނގަޅުކުރި ނަމަވެސް މިހާފުގައި ވެސް އެމްބީއެސް އިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެމްބީއެސްގެ ފާތިމަތު އަޒުމާ އަހުމަދު، ފާތިމަތު ސާމިރާ، ފާތިމަތު ސާއިނާ، ފާތުމަތު ނުޒުމާ ނާޒިމް އަދި ސަނިއްޔާ އަބްދުއް ސަމަދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑަކީ ސީއެފްއެސްގެ ސަދާ އަންވަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އެމްއައި ކޮލެޖު ހޯދީ ފައިނަލުގައި ފެކަލްޓީ އޮފް އެޑިޔުކޭޝަން (އެފްއީ) އާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އެމްއައި ކޮލެޖުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު މިންވާލްއެވެ.
މީގެ އިތުރުންވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ގެ ނަތީޖާއަކުން އެމްއައި ކޮލެޖު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެމްއައި ކޮލެޖުން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފު ފެށިގެން ތިންވަނަ މިނެޓުގައި މިންވާލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިމެޗުގައި އެމްއައި ކޮލެޖުން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފަހުހާފުގެ 16 ވަނަ މިނެޓްފައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ނޫރައްދީން އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެމްއައި ކޮލެޖު ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގައި ޖުމްލަ 18 ޓީމަކުން ވާދަކުރިއިރު، މުބާރާތުގެ މެޗުތައް ގެންގޮސްފައިވަނީ ބައިވެރިވި 18 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭ އަދި ގުރޫޕް ބީގައި ފަސް ޓީމު ހިމެނޭއިރު، ގުރޫޕް ސީ އަދި ޑީގައި ހިމެނެނީ ހަތަރު ޓީމެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ. މިއީ ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ.