ޚަބަރު

ޗެލްސީ އާއި ދެކޮޅަށް އާސެނަލް ނުކުންނައިރު އަނިޔާގެ މައްސަލަ


އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ޗެލްސީ އާއި ދެކޮޅަށް ނިކުންނައިރު އާސެނަލްގެ މިޑްފީލްޑަރ ޑެކްލަން ރައިސް އަށް ކުޅެވޭނެކަން ޔަގީން ނުވާކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފި އެވެ.

ޑެކްލަން ރައިސް އަށް ލިބިފައިވާ އަނިޔާގެ ތަފްސީލް އާޓޭޓާ ހާމަކޮށްފައިނުވި ނަމަވެސް އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ރައިސްގެ ފައިގެ އިނގިލި ވަނީ ބިންދައިގެން ގޮސްފަ އެވެ. ނަމަވެސް އޭނާ ޗެލްސީ އާއި ދެކޮޅަށް ކުޅޭނެކަމަށްވެސް ބައެއް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ލީގުގައި އާސެނަލް ކުޅުނު މެޗުގައި ޑެކްލަން ރައިސް އަށް އަނިޔާ ވެފައިވާއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެފައެއް ނުވެއެވެ. އަދި މި ދެ މެޗުންވެސް އާސެނަލް ވަނީ 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދެ މަސް ދުވަސް ކުޅުމާއި ދުރުގައި ހުރުމަށްފަހު އޭނާ ވަނީ އިންޓަރ މިލާނާއި ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފަ އެވެ. ނަމަވެސް އޮޑެގާޑް ޗެލްސީ އާއި ދެކޮޅަށް ކުޅޭނެތޯ ސުވާލު ކުރުމުން އާޓޭޓާ ވަނީ އެކަމަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް ބަލިވެ އެ ޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ވެއްޓިފަ އެވެ. ޗެލްސީއަށްވެސް 18 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ހަތަރުވަނަ މަގާމު ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

އާސެނަލް އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމުގައިވާ ކޯލް ޕާމާ އަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަގަޅުވެ މި މެޗުގައި ކުޅެވޭނެކަމަށް އުންމީދު ކުރާ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ބުނެފަ އެވެ.

ކޮންފަރެންސް ލީގުގެ ފުރަތަމަ ބުރުގެ މެޗުތަކަށް ޗެލްސީން ކުޅުންތެރިން ރަޖިސްޓަރީ ކުރިއިރު ޕާމާ ރަޖިސްޓަރ ކޮށްފައިނުވާތީ މިދިޔަ ހަފްތާގައި އެފްސީ ނޯއާ އާއި ދެކޮޅަށް ޗެލްސީ ކުޅެ ރެކޯޑް ނަތީޖާއެއް ކަމުގައިވާ 8-0 އިން މޮޅުވި މެޗުގައި ކޯލް ޕާމާ ކުޅެފައެއް ނުވެއެވެ.

އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަމާއި ހަވާލުވުވުމުގެ ކުރިން މިދިޔަ ސީޒަނުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗުން އާސެނަލް ވަނީ 5-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.