ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ ޑަބްލިއުޓީއޭ އަންހެން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެމެރިކާގެ ކޮކޯ ގައުފް ހޯދައިފި އެވެ.
ގައުފު މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ބެލަރޫސްގެ އެރީނާ ސަބަލެންކާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ގައުފު އަތުން ސަބަލެންކާ ބަލިވި ނަމަވެސް މި އަހަރުގެ ރޭންކިން އިއުލާން ކުރާއިރު އޭނާއަށް ދުނިޔޭގެ އެއްވަނަ މަގާމް ނުގެއްލޭނެ އެވެ. ނަމަވެސް މި ސީޒަނުގެ ފަހު މުބާރާތް ކާމިޔާބު ކުރުމަށް ސަބަލެންކާ ދެކެމުން އައި ހުވަފެންތަކަށް ވަނީ ނިމުމެއް އައިސްފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ގައުފް އާއި ދެކޮޅަށް ނިކުންނާނީ ޗައިނާގެ ޒެން ކިންވެން އެވެ. އޭނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ޗެކް ރިޕަބްލިކްގެ ބާބޮރާ ކްރެޗިކޯވާ އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.