ޚަބަރު

މިއަހަރު ޢުމްރާއަށްދާ ދެވަނަ ގްރޫޕް މިރޭ ފުރައިފި


މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޢުމްރާއަށްދާ ދެވަނަ ގްރޫޕް މިރޭ ފުރައިފިއެވެ.

މި ގްރޫޕްގައި 100 މީހުން ހިމެނެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޙައްޖު ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، މިއަދު ފުރީ ރަމަޟާން މަހުގެ ފަހު 15ގައި ޢުމްރާއަށްދާ މީހުންކަމަށެވެ. އަދި މި ގްރޫޕްގެ މީހުން 2 ޢުމްރާ ކުރުމަށް ހަމަޖެހިފައިވާކަމަށާއި، މައްކާ އަދި މަދީނާގެ މުހިއްމު ތަންތަނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. 

މި ގްރޫޕްގެ އޮފިޝަލުންގެ ގޮތުގައި އެ ކޯރޕަރޭޝަންގެ ފަރާތުން 8 ބޭފުޅުންގެ މައްޗަށް އެކުލެވޭ ޓީމެއް ޙަރަކާތްތެރިވަމުންދާނެއެވެ. މި ޓީމުގައި ދީނީ ޢިލްމުވެރިންނާއި، ދިވެހި ކައްކާއިންނާއި ޞިއްޙީ ޙިދުމަތްދޭ ފަރާތްތައް ހިމެނޭނެ ކަމަށް ޙައްޖު ކޯރޕަރޭޝަނުން މަޢުލޫމާތުދެއްވައެވެ.

ޙައްޖު ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދްރީސް ވިދާޅުވީ، އެކޯޕަރޭޝަންގެ ޙަވާލުގައި މިދިޔަ އަހަރު ޢުމްރާއަށް ދިޔަ މީހުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ކެއުން ބުއިމުގައި ދިމާވި ދަތިތައްކަމަށާއި، އެހެންކަމުން މިއަހަރު އެކަން ހައްލުކުރުމަށް ޙައްޖު ކޯރޕަރޭޝަނުން މަސައްކަތް ކޮށްފައިވާކަމަށެވެ.

މިއަހަރު އުމްރާއަށްދާ ދެވަނަ ގްރޫޕް އެނބުރި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ. 16 މީހުންނާއެކު ޙައްޖު ކޯރޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދިޔަ ފުރަތަމަ ގްރޫޕް އިއްޔެ ވަނީ މާލެ އައިސްފައެވެ.