ޚަބަރު

ގޭންގާއި މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ދައުލަތަށް ނަގާނަން: ދާޚިލީ ވަޒީރު


  • ގޭންގާއި މަސްތުވާތަކެއްޗާ ގުޅޭ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެންނާނެ

  • ގޭންގާއި މަސްތުވާތަކެތީގެ ކުށްތައް ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެ

ގޭންގުތައް ހިންގުމަށާއި، މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރާ ތަންތަން ދަޢުލަތަށް ނެގޭނެގޮތަށް ޤާނޫނަށް ބަދަލުގެންނަވާނެކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ފްލެޓެއްގައި ރަހީނުކޮށްފައިވާ މީހަކު ސަލާމަތްކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ ކާމިޔާބު އޮޕަރޭޝަނަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު، ރާއްޖޭގައި ގޭންގު ކުށްތަކާއި، މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުމުގެ މައްސަލަ އޮތީ އިންތިހާއަށް އިތުރުވެފައިކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ޢަމާޒަކަށްވީ މި ދަޢުރުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަށްޓަކައި ބައެއް ޤާނޫނުތަކަށް އިޞްލާހު ގެނަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި ގޭންގު ކުށްތަކަށް ޚާއްސަ ޔުނިޓެއް ޤާއިމުކޮށް، އޭގެދަށުން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، މިހާތަނަށްވެސް ބޮޑެތި ކާމިޔާބީޔައް ހޯދާފައިވާކަމަށެވެ.

އިޙްސާން ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކުގައި ގޭންގު ކުށްތައް ކުރާ މީހުންނާމެދު ޤަނޫނުން އެންމެ ހަރުކަށު ފިޔަވަޅު އަޅާނެކަމަށެވެ. އެންމެ މުހިންމީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަމަށާއި، އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ގޭންގު ކުށްތައް މަނާކުރުމުގެ ޤާނޫނަށް ގެންނަ އިސްލާހުގައި އެފަދަ މައްސަލަތަކުގައި ހަރުކަށު ފިޔަވަޅުތައް އެޅުމަށް ހިމަނާފައިވާނެކަމަށެވެ. އެންމެ މުހިންމު ޢަމާޒަކީ އެފަދަ މައްސަލަތަކަށް އޮތް ފުރުޞަތު ކުޑަކޮށް އަދި ރައްޔިތުންނަށް އޮތް ގެއްލުން ކުޑަކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މަޝްރޫޢުތަކުން ދޫކޮށްފައިވާ ފްލެޓްތަކުގައި ގޭންގުތަކާއި މަސްތުވާތަކެތީގެ އައްޑާގެ ގޮތުގައި ހިންގާ ތަންތަން އަނބުރާ ދައުލަތަށް ނެގޭނެ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރުވެސް ބައެއް ފްލެޓްތައް، ކުށްކުރާ މީހުންގެ ހާއްޔެއްގެ ގޮތުގައި އެބަ ބޭނުންކުރޭ. އެޗްޑީސީއާއި ގުޅިގެން އެކަން ބެލުމުގެ މަސައްކަތްތައް ފަށާނަން. ކުށްކުރުމުގެ ވެއްޓެއްގެ ގޮތުގައި އެފަދަ ހައުސިން ޔުނިޓެއް އެކަން ޙައްލުނުކޮށް ކުށްކުރުމުގެ މާޙައުލަށް ހުޅުވާލާފައި އޮންނަނަމަ، އެތަންތަން އަނބުރާ ދަޢުލަތަށް ނެގޭނެ ގޮތެއް ހޯދާނަން. އެއީ ގޭންގު ޤަނޫނަށް ގެންނަން ހުށައަޅާފައިވާ އެއް އިސްލާހު. ހަމައޮގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް ގެންނަ އިސްލާހުގައިވެސް އައްޑާގެ ގޮތުގައި ބޭނުންކުރާ ތަންތަން ދަޢުލަތަށް ނެގުމަކީ ޢަމާޒު." ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުށްކުރާކަން ކަނޑައެޅިގެން އެނގޭއިރުވެސް، މިހާރު ޤާނޫނުތައް އޮތްގޮތުން މައްސަލަ ސާބިތުކޮށް ފިޔަވަޅުއެޅުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށެވެ. އަދި ވަރަށް ނާޒުކު މައްސަލަތަކުގައިވެސް ކުށްކުރާ މީހުން އަނބުރާ މުޖުތަމަޢުއަށް ދޫވެގެންދާދާތަން ފެންނަކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ ކުށްކުރާ މީހުންނަށް ޤާނޫނުގެތެރެއިން ސަލާމަތްވެވެން އޮތް ގޮތްތައް ބަންދުކޮށް، އެންމެ ހަރުކަށި ފިޔަވަޅު އެޅުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޤާނޫނުތައް ހެދިފައި އޮތް އިރު ކުށްކުރާ މީހުން ސަލާމަތްކުރުމަށް ހެދެންހުރި ހުރިހާ ޤާނޫނެއް ހެދިފައި އެބައޮތް. އެކަމަކު ކުށް ހުއްޓުވުމަށް އުޅޭ ފާރާތްތަކުން ކުށް ހުއްޓުވަން އަދި އެފަދަ މާޙައުލުން ދުރުކުރަން ޤާނުނުތައް ބައްޓަންކުރުމުގެ ވިސްނުން އޮތްތަނެއް މިހާތަނަށް ފެންނާކަށް ނެތް. އަޅުގަނޑުމެން ބަލަން ބޭނުންވަނީ ސަރުކާރުން ޤާނޫނަށް މި ހުށައަޅާ އިސްލާހުތައް ވުޖޫދުވެ ޢަމަލީ ސިފަ އަންނަ ދުވަސް. އެއީ އެންމެ ބޮޑު ފިޔަވަޅަށް ވާނެ." ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ތަކުރާރުކޮށް ކުށްކުރާ މީހާ ޤާނޫނުގެ އަތްދަށުން ދޫވެގެން ނުވާނެކަމަށެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް އެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ދެވެމުންގޮސްފައި އޮތްތަން ފެންނަން އެބައޮތްކަމަށާއި، އިދާރީ ކުޑަކުޑާ މައްސަލައެއްގެ ސަބަބުން ނުވަތަ ނަގަންޖެހޭ ފިޔަވަޅެއް ނުނެގުނޭ ކިޔާފައި އެފަދަ މީހުން ސަލާމަތްވެގެންދާކަމަށްވެސް ވަޒީރު ވިދާލުވިއެވެ. އެހެންކަމުން
ޤާނުނުތަކަށް ގެންނަ އިސްލާހުތަކާއެކު، ކުށްތަށް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޢަމާޒަށް ވާސިލުވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާ ފްލެޓެއްގައި ރަހީނުކޮށްފައިވާ މީހާކު ސަލާމަތް ކުރުމަށް ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ކާމިޔާބީ ފާހަގަކުރައްވާ ވަޒީރުވަނީ، އެކަން ކުރިއަށްގެންދިޔައީ ވަރަށް ޕްރޮފެޝަނަލް އަދި ތަޢުރީފު ޙައްޤު މަސައްކަތެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައެވެ. ފުލުހުން އަބަދުވެސް ތިބޭނީ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ދިނުމަށް ތައްޔާރަށްކަމުގައި ވަޒީރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ބެލެހެއްޓުމުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވާނެކަމަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.