ޚަބަރު

ކޮންފަރެންސް ލީގުގެ ތާރީޚުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާއިން ޗެލްސީ މޮޅުވެއްޖެ


ޔުއެފާ ކޮންފަރެންސް ލީގުގެ ތާރީޚުގައިވެސް އެންމެ ތަފާތު ބޮޑު ނަތީޖާ ކަމުގައިވާ 8-0 އިން އާމީނިއާގެ އެފްސީ ނޯއާ އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ކޯޗު އެންޒޯ މަރެސްކާ ނެރެފައިވަނީ އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު މެޗަށް ނެރުނު ޓީމުގެ ބަދަލުގައި މުޅިން ތަފާތު ޓީމެކެވެ. މަރެސްކާ ދަނީ ޗެލްސީގައި އޮތް ބޮޑު ސްކޮޑުގެ ބޭނުން މި ސީޒަނުގައި ވަރަށް ރަގަޅަށް ހިފަމުންނެވެ.

ޗެލްސީ މި މެޗުގައި އެފްސީ ނޯއާގެ ގޯލު ހުޅުވާލަން ނަގާފައިވަނީ އެންމެ 12 މިނިޓެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންޒޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ޓޮސިން އަޑަރަބިއޯޔޯ އެވެ. އަދި އޭގެ މިނިޓެއް ފަހުން މާކް ގިއޫ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ޗެލްސީން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެމުންދިޔަ މި މެޗުގައި އެ ޓީމުން ޖެހި ތިންވަނަ ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރު އެންޒޯ ފެނާންޑޭޒް ނަގައިދިނުމުން ބޮލުން ޖަހާ އެކްސެލް ޑިސާސީ ވަނީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

އަދި މެޗުގެ 21 ވަނަ މިނިޓުގައި ޖޮއާއޯ ފީލިކްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު, އޭގެ 18 މިނިޓް ފަހުން މިޚައިލޯ މުޑްރީކް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖޮއާއޯ ފީލިކްސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 6-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފްގައި ދެ ޓީމަށްވެސް ބަދަލުތަކެއް ގެނެސްފައިވާއިރު ދެވަނަ ހާފްގައި ފެނިގެންދިޔަ ދެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދީފައިވަނީ ކްރިސްޓޮފާ އެންކުންކޫ އެވެ. މި މެޗުގައި އެންކުންކޫ އަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފައިވާއިރު އޭނާ ފޮނުވާލި ހަމަލަތައް ވަނީ އެފްސީ ނޯއާގެ ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފަ އެވެ.

މި މެޗުގައި ޗެލްސީން ޖެހި އަށް ލަނޑާއެކު އެ ޓީމަށް ވަނީ މި މުބާރާތުގެ ތާރީޚުގައި އެންމެ ތަފާތު ބޮޑު ނަތީޖާއިން މެޗެއް ކާމިޔާބުކުރުމުގެ ޝަރަފު ލިބިފަ އެވެ. އަދި މި މުބާރާތުގެ ތާރީޚުގައިވެސް ފުރަތަމަ ތިން މެޗުން 16 ލަނޑު މިހާތަނަށް އެއްވެސް ޓީމަކަށް ޖެހިފައެއް ނުވެއެވެ.

މި މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެ ޗެލްސީ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގަ އެވެ.