ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ގްރީސްގެ ޗެމްޕިއަން ޕީއޭއޯކޭއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.
މެންޗެސްޓަރ ގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވެފައިވާއިރު މިއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި އެ ޓީމު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުން އެރިކް ޓެންހާގް ވަކި ކުރުމަށްފަހު ވަގުތީ ގޮތުން އެ ޒިންމާ އުފުލަމުންދާ ވެންނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން މިހާތަނަށް އެ ޓީމު ތިން މެޗު ކުޅެފައިވާއިރު އެ ޓީމު ބަލިވެފައެއް ނުވެއެވެ. ލީގުގައި ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެފައިވާއިރު ލީގު ކަޕްގައި ލެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ މޮޅުވެފަ އެވެ.
ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ފުރަތަމަ ހާފްގައި މެންޗެސްޓަރ ޔުނައިޓެޑްއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ކުޅޭ އައިވަރީ ކޯސްޓުގެ ފޯވަޑް އަމަދު ޑިއާލޯ އެވެ.
އަދި އޭގެ 13 މިނިޓް ފަހުން ޑިއާލޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މި މެޗުން ތިން ޕޮއިންޓް މެންޗެސްޓަރ ޔުނައިޓެޑަށް ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އިން ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ފަނަރަ ވަނައިގަ އެވެ. ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ އެއްވަނައިގައި އޮތް އިޓަލީގެ ލާޒިއޯ އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.