ޚަބަރު

ޙުސައިން މުޙައްމަދު ދީދީ އަވަހާރަވެއްޖެ


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި ރިޔާސީ ގަނޑުވަރުގައި މުހިންމު މަގާމުތަކެއް ފުރުއްވި އަދި ރާއްޖޭގެ މަސައްކަތްތެރިކަމުގެ ރޮނގުން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށްވާ ގަލޮޅު ޝަބްނަމް ލޮޖް، ޙުސައިން މުޙައްމަދު ދީދީ އަވަހާރަވެއްޖެއެވެ. 

ޙުސައިން މުޙައްމަދު ދީދީ އަވަހާރަވީ، ރޭ މެންދަމުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 67 އަހަރެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީ އަވަހާރަވުމާ ގުޅިގެން، އެމަރްޙޫމްގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށް އިޚްލާޞްތެރިކަމާއެކު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި ޙުސައިން މުޙައްމަދު ދީދީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރިޔާސީ ގަނޑުވަރަށާއި ސަރުކާރުގެ އެހެން އިދާރާތަކަށް، ޚާއްޞަކޮށް ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަޒަންކުރައްވައެވެ. ޙުސައިން މުޙައްމަދު ދީދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ބޮޑުބޭބޭފުޅެކެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީއަކީ، 23 އަހަރަށްވުރެދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފުރުއްވާފައިވާ މުހިއްމު މަޤާމުތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ، ޕްރޮޓޮކޯލް އެންޑް ސެރެމޯނިއަލް އެފެއާޒް ކަމުގެ މަޤާމާއި ޚާއްޞަ މަސައްކަތް ކުރައްވާގެ މަޤާމު ހިމެނެއެވެ. އަދި ޕަރސަނަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމާއި، ޕްރެޒިޑެންޝަލް ޕެލެސްގެ ޑިރެކްޓަރ ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. މީގެ އިތުރުން، ޒުވާނުންގެ މަޖިލީހުގެ އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމާއި، ހުޅުމާލޭ ގްރީނިންގ ޕްރޮޖެކްޓްގެ ކޮންސަލްޓަންޓްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ އެސިސްޓެންޓް އެގްރިކަލްޗަރ އޮފިސަރުކަންވެސް ކުރައްވާފައިވެއެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީއަކީ، ތަފާތު ގިނަ މަސައްކަތްތައް ކުރައްވަން ދެނެވަޑައިގަންނަވާ އަދި ކަންކަމުގެ ވަރަށް ފާޑުވެރި ފަންނުވެރި ބޭފުޅެކެވެ. ތަފާތު އެތައް މަސައްކަތެއް އަމިއްލަފުޅަށް ދަސްކުރައްވައިގެން އާމްދަނީ ހޯއްދެވުމަށާއި، ހިލޭ ސާބަހަށް ކުރައްވަމުން ގެންދަވާފައިވެއެވެ. މިގޮތުން ފެހުމުގެ މަސައްކަތާއި، ވަޑާމުގެ މަސައްކަތާއި، ތައްގަނޑު ޖެހުމާއި، ރޭނުންފަދަ މަސައްކަތްތައް ހިމެނެއެވެ. ޙުސައިން ދީދީ ކުރެއްވި އެންމެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ފާހަގަވެގެންދަނީ، ދަރުބާރުގޭގެ މަސައްކަތެވެ. ދަރުބާރުގެ ފަރުމާ ކުރައްވައި، ދަރުބާރުގެ ޢިމާރާތް ކުރުމުގެ އެންމެހައި މަސައްކަތްތައް ހިނގަމުންދިޔައީ ޙުސައިން ދީދީގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ޙުސައިން މުޙައްމަދު ދީދީ ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވައި މަސައްކަތްތެރިކަމުގެ ރޮނގުން 1990 ވަނަ އަހަރު ސަރުކާރުން ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަރުވާފައެވެ.

ޙުސައިން މުޙައްމަދު ދީދީއަކީ ގަސް އިންދައި، ގަސް ހެއްދުމުގެ ރޮނގުންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ތަފާތު އެކި ވައްތަރުގެ ގަހުގެ ވިޔަފާރި އޭނާ ކުރައްވައެވެ. އަދި މިއީ، ވަރަށް ފުޅާ ދާއިރާއެއްގައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

އަލްމަރްޙޫމް ޙުސައިން މުޙައްމަދު ދީދީ އަވަހާރަވިއިރު އަނބިކަނބަލަކާއި 2 ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. އެއީ، ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅެކެވެ.