ޚަބަރު

ރިސޯޓްތަކުގެ ސެކިއުރިޓީއާ ގުޅޭ ޚާއްސަ ކޮންފަރެންސެއް ބާއްވައިފި


ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ރިސޯޓް ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީއާއި ގުޅޭ ޚާއްސަ ކޮންފަރެންސެއް މިއަދު ބާއްވައިފިއެވެ.

ރިސޯޓް ސެކިއުރިޓީ އަދި މެރިޓައިމް ސެކިއުރިޓީއާއި ގުޅޭ ގޮތުން ބޭއްވި މި ކޮންފަރެންސް އިންތިޒާމްކޮށްފައިވަނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، އޭ.ޓީ.އޭއާއި މެރިޓައިމް ސެކިއުރިޓީ ދާއިރާގައި ފާހަގަކޮށްލެވޭ އެމެރިކާގެ ކުންފުންޏެއްކަމަށްވާ "ވޯލްޑް މެރިޓައިމް ސެކިއުރިޓީ ޔޫނިއަން"އާއި ގުޅިގެންނެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ރިސޯޓް އޯނަރުންނާއި، ޓްރެވަލް އޭޖެންޓުން އަދި، ރިސޯޓްތަކުގައި ސަލާމަތީކަންކަން ބަލަހައްޓައިދޭ އަމިއްލަ އޭޖެންޓުންގެ އިތުރުން، އެމް.އެން.ޑީ.އެފުން ބައިވެރިވެފައިވެއެވެ.

އޭ.ޓީ.އޭއިން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ރާއްޖެއަކީވެސް ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ޤައުމަކަށްވެފައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރާއްޖެއަކީ ރައްކާތެރިތަނަކަށް ހެދުމަށްޓަކައި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މިދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ހޭލުންތެރިކުރުވުން ކަމަށެވެ.

އެގޮތުން ވޯލްޑް މެރިޓައިމް ސެކިއުރިޓީ ޔޫނިއަންގެ އެހީގައި ރިސޯޓް ސެކިއުރިޓީއާއި، ސޭފްޓީ އަދި މެރިޓައިމް ސެކިއުރިޓީއާއިގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް މި ކޮންފަރެންސްގެ ބައިވެރިންނަށް ވަނީ ދައްކާލާފައެވެ. މި ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން އެތަނުގެ ސީ.އީ.އޯ ޑޭވިޑް ޑެނިއަލް ރަޗިމީ ވިދާޅުވީ، ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަކީ ނިސްބަތުން ގިނަ އަދަދެއްގެ ބޯޓުފަހަރު ދަތުރުކުރާ ސަރަހައްދެއްކަމުން، ދިމާވެދާނެ ކަނޑުމަތީގެ ޙާދިސާއަކަށް ދުރާލާ ތައްޔާރުވުން މުހިއްމުކަމަށެވެ. އަދި ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި މީގެކުރިން ހިނގާފައިވާ ޤުދުރަތީ ކާރިސާތަކާއި، ވައްކަމާއި ފޭރުން ފަދަ ޙާދިސާތަކަށް އިޝާރާތްކޮށް، އެފަދަ ކަންކަމުން ފަތުރުވެރިންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކާއި ގުޅޭގޮތުން އޭނާ ވަނީ ވާހަކަދައްކަވާފައެވެ.

މި ކޮންފަރެންސްގައި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކޮށްދިނުމަށް ރިސޯޓްތަކަށް އަމިއްލަ ހައިސިއްޔަތުން ކުރެވިދާނެ ކަންތައްތަކާއި، ސަލާމަތީ ބާރުތަކުގެ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި، އެފަދަ އެހީތެރިކަން ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މަޢުލޫމާތުދީފައިވެއެވެ. އެގޮތުން ރިސޯޓްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް ބޭނުންކުރެވިދާނެ ފަހުގެ ބައެއް ޒަމާނީ ވަސީލަތްތަކާއި، އެތަކެތި ބޭނުންކުރާނެ ގޮތްތަކާއި، އެ ދާއިރާއިން މީހުން ތަމްރީންކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ ކޮންފަރެންސްގެ ބައިވެރިންނަށް މަޢުލޫމާތު ހިއްސާކޮށްފައެވެ.