ތަޢުލީމު

ލަންކާގެ ޔުނިވަރސިޓީއަކުން 24 ސްކޮލަރޝިޕް ހަދިޔާކޮށްފި


ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކުރައްވާ ހޭދައަކީ، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއް އަސާސްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ސްރީލަންކާގެ ޔުނިވަސިޓީއަކުން ދިވެހި ކިޔަވާ ކުދިންނަށް ހަދިޔާކުރި ސްކޮލަރޝިޕްތަކާ ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ތައުލީމީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން އެއްވެސް ހިފެހެއްޓުމެއްނެތި އިންވެސްޓް ކުރައްވަމުން ގެންދަވަނީ، ތަޢުލީމީ ޖީލެއް ބިނާކުރެއްވުމަކީ ޒުވާނުންގެ ތަރައްޤީގައި ހޯދޭނެ އެންމެ މުހިންމު ކުރިއެރުންކަމުގައި ސަރުކާރުން ދެކޭތީކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ދިވެހި ދަރިވަރުންނަށް 700 އަށްވުރެ ގިނަ މަތީތައުލީމުގެ ފުރުޞަތު އެޑިއުކޭޝަން މިނިސްޓްރީން ފަހިކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސްރީލަންކާގެ ހޮރައިޒަން ކެމްޕަސް ޔުނިވަރސިޓީން ވަނީ 24 ސްކޮލަރޝިޕް ހަދިޔާކޮށްފައެވެ. އޭގެތެރޭގައި އެޔުނިވަރސިޓީގެ ހިލޭއެހީގައި ކިޔެވުމަށް 6 ސްކޮލަރޝިޕް ދީފައިވާއިރު ދެބައިކުޅައެއްބައި ފަންޑުކޮށްދޭ ގޮތަށް 18 ސްކޮލަރޝިޕް ދީފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސްތައް ހިމެނެއެވެ. އެޑިއުކޭޝަން މިނިސްޓްރީއާ ސްކޮލަރޝިޕް ހަވާލުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ހޮރައިޒަން ކެމްޕަސްގެ ޗެއަރމަން ވިދާޅުވީ، އެކެމްޕަހުން ދުނިޔޭގެ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި، އެޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސަވައި ދެއްވާނެކަމަށެވެ.

2009 ވަނައަހަރު ސްރީލަންކާގައި އުފެއްދި ހޮރައިޒަން ކެމްޕަސް ޔުނިވަރސިޓީއަކީ ޒަމާނީ ފެންވަރުގެ ތައުލީމީ ފުރުޞަތުތައް ފޯރުކޮށްދެމުންދާ ޔުނިވަރސިޓީއެކެވެ.