ޚަބަރު

އިރާޤު ސިފައިން ފަލޫޖާގައި ކާމިޔާބީތަކެއް ހޯދައިފި


އިރާގުގެ ރަށެއް ކަމަށްވާ ފަލޫޖާ، އައިއެސް ޖަމާއަތުގެ އަތްދަށުން މިނިވަން ކުރުމަށް ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންގައި އިރާގު ސިފައިން އަނެއްކާވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ. ނަމަވެސް އިރާގުގެ އަސްކަރީ ދާއިރާތަކުން ބުނީ މިކާމިޔާބީތަކާއެކު އައިއެސްގެ ހަމަލާތަކުގައި އިރާގު ސިފައިންގެ ފަންސާހަށްވުރެ ގިނަ މީހުން އަންގާރަދުވަހު މަރުވެފައިވާ ކަމަށެވެ. 

އިރާގު ސިފައިންގެ މިހާގިނަ ބަޔަކު މަރުވީ އައިއެސްގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެންދިން ކާރުބޮމުގެ ޙަމަލާތަކެއްގައެވެ. އިރާގުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން އަންގާރަދުވަހު އިރާގުގެ ލަޝްކަރުތައްވަނީ ފަލޫޖާގެ އިތުރު ދެސަރަހައްދު ކަމަށްވާ އަލްޖައްފު އާއި ފައްލާހާތު މިނިވަންކޮށް ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފައެވެ. ފައްލޫޖާ މިނިވަން ކުރުމަށް މިދިޔަ މޭމަހުގެ ފަހުކޮޅު ފެށި އަސްކަރީ އޮޕަރޭޝަންގައި އިރާގު ސިފައިންވަނީ ފައްލޫޖާގެ ވަށައިގެންވާ އަވަށްތަކާއި ވިލެޖްތައް މިނިވަން ކުރުމަށްފަހު އެރަށުގެ އެތެރޭގެ ބައެއް ސަރަހައްދުތަކަށްވެސް ވާސިލްވެފައެވެ. 

ނަމަވެސް ފައްލޫޖާގެ އެތެރޭގެ ގިނަ އަވަށްތަކުގައި އާންމުންގެ އެތަށް ހާސްބަޔަކު ތާށިވެފައި ތިބުމުގެ ސަބަބުންނާއި އައިއެސްއިން އިންސާނީ އައްޑަނައެއްގެ ގޮތުގައި އެމީހުން ބޭނުން ކުރަމުން ގެންދާތީ އެތަންތަނަށް ޙަމަލާތައް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އިރާގު ސިފައިން ބުނެއެވެ.