ޖަޕާނުގެ ރަސްގެފާނު ދެއްވާ "އޯޑަރ އޮފް ދި ރައިޒިން ސަން" ޝަރަފުގެ ޢިއްޒަތުގައި ހިމެނޭ "ގޯލްޑް އެންޑް ސިލްވަރ ސްޓަރ" ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަޙްމަދު ޚަލީލަށް ދެއްވައިފިއެވެ.
މި ޢިއްޒަތް އަޙްމަދު ޚަލީލަށް ދެއްވާފައިވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ. މިއީ މި ޢިއްޒަތް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
41 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ރާއްޖޭގެ ޚާރިޖީ ދާއިރާގައި ޚަލީލް ވަނީ މަސައްކަތް ކުރައްވާފައެވެ. މި މުއްދަތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރކަމުގެ މަޤާމު 2009ވަނަ އަހަރުން ފެށިގެން 2016ވަނަ އަހަރާ ހަމައަށް ޚަލީލް ވަނީ ފުރުއްވާފައެވެ. ޚަލީލް ވަނީ ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
2011ވަނަ އަހަރު ޖަޕާނަށް އައި ބޮޑު ބިންހެލުމާއެކު އެރި ސުނާމީގެ ޙާލަތުގައި ޖަޕާނަށް އެހީވުމުގެ ގޮތުން ރާއްޖެއިން 700،000 މަސްދަޅު އެ ޤައުމަށް ފޯރުކޮށްދިނުމުގައި ވެސް ޚަލީލް ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި މި އެހީ ވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވި ކަމަކަށެވެ.
މީގެއިތުރުން ޚަލީލްގެ މަސައްކަތްޕުޅުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތަކަށާއި އެކި ދާއިރާތަކުގެ ކުރިއެރުމަށް އެހީ ލިބިފައިވެއެވެ. ޚާރިޖީ ދާއިރާގެ މަސައްކަތުން ޚަލީލް ރިޓަޔަރކުރައްވާފައި ވަނީ މިދިޔަ އަހަރުއެވެ. ރިޓަޔަރކުރެއްވިއިރު ޚަލީލް ހުންނެވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުގައެވެ.
"އޯޑަރ އޮފް ދި ރައިޒިން ސަން" ޝަރަފުގެ ޢިއްޒަތްތަކުގައި ހިމެނޭ "ގޯލްޑް އެންޑް ސިލްވަރ ސްޓަރ"ގެ ޢިއްޒަތަކީ 1875ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޢިއްޒަތެކެވެ. މި ޢިއްޒަތަކީ ޚަރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށް، އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވާ ޢިއްޒަތެކެވެ.