ޔުއެފާ ޗެމްޕިއަންސް ލީގުގައި ސާބިއާގެ ރެޑް ސްޓަރ ބެލްގްރޭޑާ ދެކޮޅަށް ކުޅުނު މެޗު 5-2 ގެ ނަތީޖާއަކުން ސްޕެއިންގެ ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ސަރބިޔާގައި ކުޅުނު މި މެޗު ބާސެލޯނާ އިން ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް 4 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ބާސެލޯނާގެ އިނީގޯ މާޓިނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 14 މިނިޓު ފަހުން ރެޑް ސްޓާރ އިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަޓޮމްޕާ މުވަމްޕާ އެވެ.
ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.
މެޗުގެ ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި ލަނޑާއެކު މި ސީޒަނުގައި ލެވަންޑޯސްކީ ކުޅުނު 16 މެޗުގައި ޖެހި ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 99 އަށް އަރާފަ އެވެ. އެހެންކަމުން ކުރިއަށް ހުރި މެޗުތަކުގައި އޭނާ އިތުރު ލަނޑެއް ޗެމްޕިއަންސް ލީގުގައި ޖަހައިފިނަމަ މި މުބާރާތުގައި 100 ލަނޑު ޖެހި ތިންވަނަ ކުޅުންތެރިއަކަށް ލެވަންޑޯސްކީ ވެގެންދާނެ އެވެ. މީގެ ކުރިން މި މުބާރާތުގައި 100 ލަނޑު ޖަހާފައިވަނީ ލިއޮނެލް މެސީ އާއި ކްރިސްޓީއާނޯ ރޮނާލްޑޯ އެވެ.
ބާސެލޯނާ އިން މި މެޗުގައި ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 55 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން އިރު ފާރމިން ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.
މި މެޗުގައި ރެޑް ސްޓަރ އިން ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިލްސަން އެވެ.