ޔުއެފާ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކޮރޭއާ ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.
ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުޅުނު މި މެޗު އެތްލެޓިކޯ މެޑްރިޑް އިން ކާމިޔާބު ކުރުމާއެކު އެ ޓީމު އޮތީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 6 ޕޮއިންޓާއެކު ތާވަލުގެ 23 ވަނައިގަ އެވެ. ޕީއެސްޖީ އަށް ހަތަރު މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު އެ ޓީމޮ އޮތީ ޖުމްލަ 36 ޓީމު ވާދަކުރާ ލީގުގެ 25 ވަނައިގަ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ޕީއެސްޖީގެ ވަރެން ޒައިރޭ އެމެރީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މި މެޗުގެ ފުރަތަމަ 11 ގައިގައި އުމުރުން 18 އަހަރުގެ ޒައިރޭ އެމެރީ ހިމެނިފައިވާއިރު އޭނާ ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައި 15 މެޗު ފެށި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ވަނީ ލިބިފަ އެވެ.
އެތްލެޓިކޯގެ ޑިފެންޑަރ ކްލެމެންޓް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އުސްމާން ޑެމްބެލޭ އޭރިޔާ ތެރެއަށް ހުރަސްކުރި ބޯޅަ އެމެރީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ޖަހާފަ އެވެ.
ޕީއެސްޖީ އިން އަމިއްލަ ދަނޑުގައި ލީޑު ނެގި ނަމަވެސް އެތްލެޓިކޯ އިން ވަނީ މި މެޗުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ޕީއެސްޖީ އިން ލީޑު ނެގިތާ ހަތަރު މިނިޓު ފަހުން އެތްލެޓިކޯ މެޑްރިޑްގެ ނަހުއެލް މޮލީނާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފްގައި ޕީއެސްޖީގެ އެޓޭކް ފެނިގެންދިޔައީ އިތުރަށް ވަރުގަދަކޮށެވެ. އަދި އެތްލެޓިކޯގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފައިވެ އެވެ.
މި މެޗުން އެތްލެޓިކޯ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ އެންހަލް ކޮރޭއާ އެވެ.
މި މުބާރާތުގައި ޕީއެސްޖީ ދެން ބައްދަލު ކުރާނީ ރަށުން ބޭރުގައި ޖަރުމަނުގެ ބަޔާން މިއުނިކް އާއި ދެކޮޅަށެވެ. އަދި އެތްލެޓިކޯ މެޑްރިޑް ނިކުންނާނީ ސްޕާޓާ ޕްރާގް އާއި ދެކޮޅަށެވެ.