ދުނިޔެ

ލީބިޔާގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުތައް ޗެކްކުރަނީ


ލީބިޔާގެ ވާދަވެރި ޖަމާއަތްތަކަށް ހަތިޔާރު ލިބުން މަނާކުރުމަށްޓަކައި ލީބިޔާގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުތައް ބަލައި ޗެކްކުރުމަށް ގޮވާލާ ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފިއެވެ. 

ސަލާމަތީ މަޖިލީހުގެ ފަނަރަ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރު ބުނަނީ ލީބިޔާއަށް ހަތިޔާރު އެތެރެކުރުމަށް ކުރާ މަސައްކަތް ބާރުގެ ބޭނުންކޮށްގެން ހުއްޓުވުމުގެ ބާރު އދ. އަށް ލިބިގެންވާކަމަށާއި އދ.ން ހުއްދަދޭ ފަރާތްތަކަށް މިކަން ކުރެވިދާނެކަމަށެވެ. މިގަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހަށް ހުށަހެޅީ ވިލާތުގެ އިއްތިޙާދުންނެވެ.

ލީބިޔާގައި އައިއެސް ޖަމާއަތާއި އެނޫންވެސް ހަރުކަށި ޖަމާއަތްތައް ހަރަކާތްތެރިވަމުންދާއިރު ލީބިޔާއަށް ވަގަށް އެތެރެކުރާ ހަތިޔާރު އެފަދަ ޖަމާއަތްތަކުގެ އަތްދަށަށްދާތީ އެކަމާމެދު ކަންބޮޑުވާކަން ސަލާމަތީ މަޖިލީހުން ވަނީ ހާމަކޮށްފައެވެ. އދ. ގެ ބެލުމުގެ ދަށުން ލީބިޔާގައި ދާދިފަހުން އެކުލަވާލި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ވަނީ ލީބިޔާއަށް ހަތިޔާރު އެތެރެކުރުން މަނާކުރާ އދ. ގެ ގަރާރުން އެސަރުކާރު އިސްތިސްނާ ކުރުމަށް ގޮވާލާފައެވެ. 

އެމެރިކާއާއި ވިލާތުގެ ބައެއް ގައުމުތަކުން ވަނީ ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ގޮވާލުމަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.