ޚަބަރު

ޑީސެންޓް ވޯކް ޕްރޮގްރާމާއެކު މަސައްކަތު މާހައުލުގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ: ޑރ. މާރިޔާ


  • މިއީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ އެހީގައި ހިންގާ ޕްރޮގްރާމެއް

"ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމް"އާއެކު ސަރުކާރުން ކަނޑައަޅާފައިވާ ޤައުމީ ވަޒީފާގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމްގެ ގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ، އައިއެލްއޯގެ ޑީސެންޓް ވޯކް ކަންޓްރީ ޕްރޮގްރާމުގެ ސަބަބުން މަސައްކަތުގެ ދާއިރާގައި ހާސިލްކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިއަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނާއި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނާއެކު، ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ޖަމްޢިއްޔާތައް ތަމްސީލުކުރާ ފަރާތްތަކަށް އެފަރާތްތަކުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދިވެހިރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ކަންޓްރީ ޑައިރެކްޓަރ، ޖޯނީ ސިމްޕްސަން ވަނީ ޑީސެންޓް ވޯކް ޕްރޮގްރާމް ރާއްޖޭގައި ތަންފީޒުކުރަން ފެއްޓުމާއި ގުޅިގެން މަރުހަބާ ދަންނަވާފައެވެ. އަދި މިއަހަރު ރާއްޖެއިން ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްއާއި ގުޅިފައިވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ، މި ޕްރޮގްރާމާއެކު ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޑީސެންޓް ވޯކް ޕްރޮގްރާމަކީ ޤައުމީ ފެންވަރުގައި ވަޒީގެ ބާޒާރު ހަރުދަނާ ކުރުމަށާއި، މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމާއި، ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމް ތައްޔާރު ކުރަނީ ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ މަސައްކަތުގެ މާހަލުގައި ހުރި މައްސަލަތައް ބަލައި އެ ކަންކަން ހައްލު ކުރެވޭނެ ނިޒާމުތައް ޤާއިމް ކުރުމަށް ޤައުމީ ފެންވަރުގައި އެހީތެރިވުމަށެވެ.