ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ 20 އިންސައްތަ ހޭދަވަނީ ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށެވެ. މި ހޭދަ ކުޑަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، އިއާދަކުރަނިވި ހަކަތަ އުފެއްދުމެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލުގެ ޕީކް ގަޑީގައި އުފައްދާ ކަރަންޓްގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ގެންދަވަނީ ބޮޑު މަޝްރޫޢެއް ހިންގަވަމުންނެވެ. އިޢާދަކުރަނިވި ހަކަތަ އުފެއްދެވުމަށް ރާއްޖޭގައި ހިންގަވާ މަޝްރޫޢަކީ، ދުނިޔޭގެ ތާރީޚްގައިވެސް މި ދާއިރާއިން ކުރިއަށް ގެންދަވާ އެންމެ ބިޔަ އެއް މަޝްރޫއުއެވެ. ސަބަބަކީ މި މަޝްރޫޢު ނިމޭއިރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އުފައްދާ ކަރަންޓްގެ 30 އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދަލުވެގެންދިއުމެވެ. އަދި އާބާދީ ކުދި ރަށްތަކުގައި ސައްތަ އިންސައްތަ އިޢާދަކުރަނިވި ހަކަތައަށް ބަދުވެގެންދިއުމެވެ. މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، އެ ފައިސާ ޤައުމުގެ ތަރައްޤީއަށް ބޭނުންކުރެވިގެންދާނެއެވެ.
ތިމާވެއްޓާބެހޭ ވުޒާރާގެ އަމާޒަކީ 2018 ވަނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢު ނިންމަވާލެއްވުމެވެ. މިހާރުވެސް ގެންދަވަނީ އައްޑޫސިޓީ، ގއ.ވިލިނގިލި،ޅ.ކުރެންދޫ، ބ.ގޮއިދޫ، އަދި ތ.ބުރުނީގައި 2.5 މެގަވޯޓްގެ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ރަށްރަށުގެ މަސައްކަތް އަންނަ އޮގަސްޓިުމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިރަށްރަށަށްފަހު، ހއ. އަދި ހދ. އަތޮޅުގައި ހުރި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފެއްޓެވުމަށް ގެންދަވަނީ ތައްޔާރުވެވަޑައިގެންނަވަމުންނެވެ. އަދި ށ. އަތޮޅާއި ނ. އަތޮޅުގެ ހުރިހާ ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެއްޓެވުމަށް ބޭނުންވާ ދިރާސާތައް މިހާރު ކުރިއަށްދާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
img:http://s4.psmnews.mv/images/660x400/8719.jpg|ތިނަދޫގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ އިމާރާތްތަކެއް - ފޮޓޯ: އޮކިއުލާ
ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާރު ކުރިއަށް ގެންދަވާ މަޝްރޫޢުތަކަކީ މި ދާއިރާގައި ރާއްޖޭގައި ކުރިއަށް ގެންދަވާ އެންމެ ބިޔަ މަޝްރޫޢުކަމަށެވެ. 2012 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ހުރީ 2 މެގަވޯޓްގެ ސޯލާ ޕެނަލް ނަމަވެސް، މިހާރުގެ ސަރުކާރުން ފައިތުވި ދެއަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ހޫނުގަދަ ޤައުމަކަށް ވުމާއެކު، ސޯލާ ހަރުކޮށްގެން އިޢާދަކުރަނިވި ހަކަތަ އުފެއްދުމަކީ ރާއްޖޭގެ މޫސުމާ ވަރަށް ބޮޑަށް ގުޅޭ މަސައްކަތެކެވެ. މިހާރު ކުރިއަށްދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ބޭރުގެ އެހީދޭ ޖަމާޢަތްތަކުގެ ހިލޭ އެހީއާއި ލޯން އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކެކެވެ. އެގޮތުން އައްޑޫ ސިޓީއާއެކު އިތުރު ފަސް ރަށެއްގައި ކުރިއަށް ގެންދަވާ މަޝްރޫޢުތަކަކީ އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީގައި ކުރިއަށް ގެންދަވާ މަޝްރޫޢެކެވެ. އަދި ހއ. ، ހދ. ގައި ފެށުމަށް ތައްޔާރުވަމުންދާ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢަށްވެސް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.