ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަވަހާރަވެއްޖެއެވެ.
މުޙައްމަދު ޔޫސުފްއަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މާނިއު ޔޫސުފް އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ، ޑރ. އިބްރާހިމް ޝާފިއުގެ ބައްޕާފުޅެވެ.
މުޙައްމަދު ޔޫސުފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒީޔާ ދަންނަވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއިއެކުގައިކަމަށެވެ.
މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) އަކީ، ވިޔަފާރީގެ ދާއިރާއިން ބޮޑެތި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ، ދަރުމަވެރި އެތައް އެހީތަކެއް ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ފޯރުކޮށްދެއްވާފައިވާ އިޙްސާންތެރިއެއްކަމަށާއި، މަރުޙޫމް މުޙައްމަދު ޔޫސުފަކީ ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރި، އަދި ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) November 6, 2024
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާގެ ލޮބުވެތި ބައްޕާފުޅު މުޙައްމަދު ޔޫސުފް އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއިއެކުއެވެ.
މަރްޙޫމް މުޙައްމަދު ޔޫސުފް (ކުވާ…
ފުޅާދާއިރާއެއްގައި ޝިޕިންގެ ވިޔަފާރި ކުރެއްވި މުހައްމަދު ޔޫސުފްއަކީ، 1970ގެ އަހަރުތަކުގައި ރާއްޖެއިން ފާހަގަކުރެވުނު އެންމެ ތަނަވަސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
މުހައްމަދު ޔޫސުފްވަނީ ވަނީ ކޮލެރާ ފެތުރުނު ދުވަސްވަރު ރާއްޖެ އިން ބޭރުން އަމިއްލަ ޚަރަދުގައި ޑޮކްޓަރުންނާއި ބޭސް ގެނެސް ދިވެހިންނަށް ފަރުވާ ކުރެވޭނެ އިންތިޒާމްފަދަ މުހިއްމު ޚިދުމަތްތައް ފޯރުކޮށްދެއްވާފައެވެ.
އުމުރުފުޅުން 75 އަހަރުގައި މުހައްމަދު ޔޫސުފު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މުހައްމަދު ޔޫސުފްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހުގަ އެވެ.