ވިޔަފާރި

"ފިޔާ، އަލުވި، ބިސް" އަގުހެޔޮކޮށްފި


ރޯދަމަހުގެ ފުރަތަމަ ހަފްތާއާއި އަޅާބަލާއިރު ބާޒާރުމަތީ ހޯލްސޭލްކުރާ ފިހަރާތަކުން ފިޔާ، އަލުވި، ބިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ. ރޯދަމަސް ފެށުނުއިރު ބިސްކޭހެއް ބާޒާރުމަތީ ފިހާރަތަކުން ވިއްކަމުން އައީ ހަތަރުސަތޭކަ ރުފިޔާއާއި ހަތަރުސަތޭކަ ފަންސާސް ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. 

އަގަށް ގެނެވުނު ބަދަލާއެކު މިހާރު ބިސްކޭހެއް ވިއްކަނީ ތިންސަތޭކަ ހަތްދިހަ ރުފިޔާއާއި ހަތަރުސަތޭކަ ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ފިޔައާއި އަލުއްވަށް ބަލާލާއިރު ރޯދަމަހުގެ ފުރަތަމަ ހަފްތާގައި ފިޔާ އަދި އަލުވި ބަސްތާއެއް ބާޒާރުގެ ފިހާރަތަކުގައި ވިއްކަން ހުރީ ފިޔާ ބަސްތާއެއް ތިން ސަތޭކަ ރުފިޔާއާއި ތިންސަތޭކަ ފަންސާސް ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. 

ނަމަވެސް މިހާރު ފިޔާ ބަސްތާއެއް ވިއްކަނީ ދުއިސައްތަ ވިހި ރުފިޔާއަށެވެ. އަލުވި ބަސްތާއެއް މީގެ ކުރިން ވިއްކާފައިވަނީ ތިން ސަތޭކަ ރުފިޔާއަށް ނަމަވެސް މިހާރު އަލުވި ބަސްތާއެއް ވިއްކަނީ ދުއިސައްތަ ފަންސާސް ރުފިޔާއަށެވެ. އެސްޓީއޯއިން ފިޔާ ވިއްކާ އަގަށް ބަލާއިރު ފިޔާ ކިލޯއެއް ދިހަ ރުފިޔާއަށްވިއްކާއިރު ފިޔާ ބަސްތާއެއް ވިއްކަނީ ސަތޭކަ ފަސްދޮޅަސް ރުފިޔާއަށެވެ. 

އަލުވި ކިލޯއެއް ނުވަރުފިޔާއަށް ވިއްކަމުންދާއިރު އަލުވި ބަސްތާއެއް ވިއްކަނީ ދުއިސައްތަ ފަންސާސް ރުފިޔާއަށެވެ. މީގެއިތުރުން ބިސް ކޭހެއް އެސްޓީއޯއިން ވިއްކަނީ ދުއިސައްތަ ހަތްދިހަ ފަސްރުފިޔާއަށެވެ. އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ފިޔައާއި، އަލުވި ބިސް މިތިން ބާވަތް ރައްޔިތުންނަށް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރެއެވެ.