ސުކޫލްތަކުގެ މަސައްކަތް ކުރި ކުންފުނިތަކަށް މިދިޔަ ސަރުކާރުން 287 މިލިޔަން ރުފިޔާ ނުދައްކާ އެބަހުރިކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެއެވެ.
ތައުލީމީ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ތައުލީމީ ދާއިރާގައި ސުކޫލްތަކާއި އެކި މަސައްކަތްކޮށް ކުންފުނިތަކަށް ނުދައްކާ މިލިޔަނުން ފައިސާ ހުރިކަމަށެވެ.
އެގޮތުން އެމަނިކުފާނު ވަޒީރުކަމާއި ހަވާލުވެޑައިގެން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީވެސް ކުންފުނިތަކަށް ނުދައްކާ ޕެންޑިން ބިލު ހުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިދިޔަ ސަރުކާރުން މަސައްކަތް ކުރުވާ ކޮންޓެކްޓަރުންނަށް ނުދައްކާ 280 މިލިޔަންނަށް ވުރެއް ގިނަ ރުފިޔާ ޕެންޑިންގައި އެބަހުރިކަމަށެވެ.
މި ސަރުކާރުން މިހާތަނަށް ކުރެވުނު މަސައްކަތުން ހިނގަމުންދާ ޕްރޮޖެކްޓްތަކާއެކު ވަޒީރު ވިދާޅުވީ މިހާތަނަށް ނުދެއްކި ވަނީ 37 މިލިޔަން ރުފިޔާކަމަށެވެ. ތައުލީމީ ވަޒީރު ވިދާޅުވީ ފައިސާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން ޕްރޮޖެކްޓައް ވަނީ ވަރަށް ބޮޑުތަނުން ލަސްވެފައިކަމަށެވެ.
"ވުޒާރާއާ ހަވާލުވިއިރު އެންމެ ބޮޑު ގޮންޖެހުމަކީ ފެއްޓިފައި ހުރި ޕްރޮޖެކްޓްސް ތަކުގެ ޕެންޑިން ބިލްސް. 280އަށް މިލިޔަން ގިނަ ރުފިޔާގެ ބިލުތަކަށް ފައިސަ ނުދައްކާ ހުރީ. ވަރަށް ގިނަ ކޮންސްޓްރަކްޝަން ކުންފުނިތައް އުނދަގޫ ތަހައްމަލް ކުރަމުންދަ ދިޔައީ . ފާއިތުވެ ދިޔަ ތަނުގައި ކުރެވުނު މަސައްކަތާއި ހިނގަމުންދާ ޕްރޮޖެކްޓްސްތަކާއި އެކުގައި ނުދައްކާ ވަނީ 30ހަކަށް މިލިޔަން ރުފިޔާ" ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން 2024 ވަނަ އަހަރަށް ޕީއެސްއައިޕީއަށް އައު ޕްރޮޖެކްޓްތައް ބަޖެޓް ކޮށްފައިވަނީ އެވްރެޖްގޮތެއްގައި މުޅި ބަޖެޓުގެ 7 އިންސައްތަކަމަށްވާއިރު، 15 އިންސައްތަ އާއިހަމައައް ބަޖެޓް ކުރެވިފައި ނުވާކަމަށް ތައުލީމީ ވަޒީރު އިސްމާއިލް ޝަފީއު ވިދާޅުވިއެވެ.
މީގެ އިތުރުން ހިނގަމުން ދިޔަ ޕްރޮޖެކްޓްތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތް ކުރަމުން ދިޔަ ކުންފުނިތައް އެ މަސައްކަތް ހުއްޓާލައިފާކަމަށާއި ގިނަ މަސައްކަތްތަކެއް ވަނީ މަޑުޖެހިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިހާރު މިދަނީ ޕެންޑިންގައި ހުރި ފައިސާދައްކަމުންކަމަށާއި ނުފެއްޓި ހުރި ޕްރޮޖެކްޓްސްތައް ދެނެގަނެވި އެމަސައްކަތް ކުރުމަށް އައު ކޮންޓެކްޓަރުންނާއި އެކީ އެއްބަސްވުންތައް ހަދަމުންކަމަށެވެ.