ޤައުމީ ތަރައްޤީގެ ޕްލޭނަށް ކޮންމެ ރަށަކުންވެސް ބަސް ބުނުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދަޅުވީ، ދިވެހި ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ އޮއިވަރެއްގައި ޤައުމުގެ ތަރައްޤީގެ ކަންކަމަށް އަބަދު ބަދަލު އަންނަ ކަމަށްވާނަމަ އޭގެ ފައިދާ ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އެހެން ކަމުން މިމަސައްކަތަކީ ޤާނޫނީ ބާރުވެރިކަން ލިބިގެން ކުރެވޭ މަސައްކަތަކަށް ހައްދަވައި، ޤާނޫނޫ އަސާސީގެ ތެރެއިންވެސް ބަލައިގަންނަ މަސައްކަތަކަށް މިކަން ބަދަލު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ސިޔާސީ ވިސްނުން ދޫކޮށް، ޤައުމީ މަސައްކަތެއްގެ ގޮތުގައި މިމަސައްކަތް ބަލައިގަނެ، މިކަމުގައި ކޮންމެ ރަށަކުން ޚިޔާލު ބޭނުންވާ ކަމަށެވެ. އަދި 20 އަހަރު ދުވަހަކީ ޖީލެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިމަސައްކަތް ނިމޭއިރު ޖީލެއްގެ ތަޞައްވަރު އެނގިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ޕްލޭންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނަން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް މި ޕްލޭނަށް އެއްޗެކޭ ވިދާޅުވާން ޖެހޭ. ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައް މީގައި ރެޕްރެޒެންޓްވާންޖެހޭ. ސިޔާސީ ވިސްނުން ދޫކޮށްލާފައި މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ ސިޔާސީ ޕާޓީތައް މީގައި ބައިވެރިވާން ޖެހޭ. މިއީ ޖީލެއް ބިނާކުރުމުގެ މަސައްކަތް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޕްލޭން އެކުލަވާލާއިރު ދުނިޔެއަށް އަންނަ ބަދަލުތައްވެސް ބަލަންޖެހޭ ކަމަށާއި އެހެންކަމުން ޤައުމީ ތަރައްޤީގެ ޕްލޭނަކީ އޭއައި ބޭނުންކުރެވިގެން އެކުލެވޭ ޕްލޭނަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމުގެ ތަރައްޤީގައި ފަންނިއްޔާތު ހިމަނަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަސައްކަތް 1 އަހަރު ދުވެހުގެ ތެރޭގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ މި ޕްލޭން ތަންފީޒުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޕްލޭނާއެކު ރާއްޖޭގައި އޮތް ބޮޑެތި މައްސަލަތައް ރިޢާޔަތްކޮށް، ދުރު ރާސްތާކައި އެކަންކަން ޙައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅާނެއެވެ.