ޚަބަރު

އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން ގަރާޖުގައި ޖާގަ އޮތްކަން މިހާރު ކަށަވަރުކުރާނެ


  • މީގެ ކުރިން ގަރާޖުގައި ޖާގަ އޮތްކަން ކަށަވަރުނުކުރޭ

  • މީގެ ސަބަބުން މަގުމަތީގައި ބަހައްޓާފައި ހުންނަ އުޅަނދުތަައް ގިނަވޭ

ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ގަރާޖުގައި ބޭއްވޭނެ ޖާގަ އޮތްކަން ކަށަވަރުކުރަންޖެހޭގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދު އިސްލާޙުކޮށްފިއެވެ.

މީގެ ކުރިން ގަވާއިދުގައި އޮންނަނީ ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށްދެވޭނީ، އެ އުޅަނދެއް ރަޖިސްޓަރީކުރުމަށް ލިޔުންތައް ހުށައަޅާއިރު، އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮތްކަމުގެ ލިޔުން ދެއްކުމުންނެވެ. އަދި ގަރާޖުގައި އެ އުޅަނދު ބޭއްވުމާމެދު ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްވެސް ކުރިން ހުށައަޅަންޖެހޭނެއެވެ. އަދި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައްވެސް ހުށައަޅަންޖެހޭނެއެވެ. މީގެއިތުރުން ގަރާޖުގައި އެ އުޅަނދެއް ބޭއްވޭނެ ޖާގަ އޮތްކަން ގަވާއިދު ތަންފީޒުކުރާ ވުޒާރާއިން ކަށަވަރުކުރަންޖެހޭނެކަމަކަށް ބަޔާންކޮށްފައެއް ނުވެއެވެ.

ނަމަވެސް މިހާރު ގަވާއިދަށް ގެނެސްފައިވާ އިސްލާޙުގައި ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅާ ފަރާތަކުން ބަލައި ކަށަވަރުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އޮޅުވާލައިގެން ގަރާޖު ސިޓީ ހަދަމުންދިއުމުގެ ސަބަބުން މާލެ ސަރަހާއްދުގައިި ދުއްވާ ހަތަރުފުރޮޅުލީ އުޅަނދުތައް ގިނަވެ ޕާކް ކުރާނެ ޖާގަ ނެތުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ގަރާޖުގައި ޖާގަ ނެތްނަމަވެސް، ނުވަތަ ގަރާޖެއް ނެތްނަމަވެސް، ގަރާޖު އޮތްކަމަށް ލިޔުން ތައްޔާރުކޮށްގެންވެސް ބައެއް ފަރާތްތަކުން ރާއްޖެއަށް އުޅަނދު އެތެރެކޮށްފައިވާކަމަށް ދަތުރުފަތުރާބެހޭ ވުޒާރައިން ވިދާޅުވެފައިވެއެވެ.

މިކަމަށް ޙައްލެއް ގެނައުމަށް މާލެ ސިޓީ އާއި އެޗްޑީސީގެ ދަށުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭ ޖާގަތަކާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ދަށުން ވިޔަފާރިއާއި ގުދަނުގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުމަށް މިހާރުވަނީ ނިންމަވާފައެވެ. މީގެ ސަބަބުން ދެ ބޭނުމެއްގައި އެއްތަނެއް ރަޖިސްޓްރީކޮށްދެވުން ނިމުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެތެރޭގައި އަމިއްލަ ފަރާތްތަކުގެ ގަރާޖުއާއި، ހުއްދަދެދެވޭ ސަރުކާރުގެ ޕާރކިންގ ބިލްޑިންގ ތަކާއި އަދި ގަރާޖުގެ ގޮތުގައި ހިމެނޭ ހުރިހާ ތަނެއް ހިމެނޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.