ޚަބަރު

އަމޮރިމްގެ ސްޕޯޓިންއިން މެންޗެސްޓާ ސިޓީ ބަލިކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ.

ޕޯޗުގަލްގެ ލިސްބަން ގައި ކުޅުނު މި މެޗުން ސިޓީ ބަލިވެފައިވާއިރު, މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށްފަހު ސިޓީ ބަލިވެފައިވާ އެންމެ ތަފާތުބޮޑު ނަތީޖާ އެވެ. އަދި ޕެޕް ގަޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުންދާ މެންޗެސްޓަރ ސިޓީ ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުން ސްޕޯޓިންގ މޮޅުވުމާއެކު އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ސިޓީ އަށް ހަތަރު މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އެ ޓީމު އޮތީ ހަވަނައިގަ އެވެ.

ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ސްޕޯޓިންގ ގެ ގިޔޯކޭރާސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

އަދި ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ސްޕޯޓިންގ ގެ މެކްސިމިލިއާނޯ އަރައުހޯ ވަނީ ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ ތިން މިނިޓު ފަހުން ސްޕޯޓިންގ އަށް ލިބުނު ޕެނަލްޓީ އަކުން ގިޔޯކޭރާސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. މި މެޗުގައި އޭނާ ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހަދާފައިވަނީވެސް 80 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ދެވަނަ ހާފްގައި މެންޗެސްޓަރ ސިޓީއަށް ރެފްރީ ދިން ޕެނަލްޓީ އާލިން ހާލަންޑް ފޮނުވާލާފައިވަނީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުން ސްޕޯޓިންގ މޮޅުވެފައިވާއިރު މިއީ ޗެމްޕިއަންސް ލީގުގައި ސްޕޯޓިންގގެ ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރާނެ ފަހު މެޗެވެ. ލީގުގައި އަންނަ ހަފްތާގައި ކުޅޭ މެޗަށްފަހު އޭނާ އެ ޓީމު ދޫކޮށް ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވާންކަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.