އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް އައިންއާ ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ކާމިޔާބުކޮށްފިއެވެ.
ސައުދި އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މި މެޗުގައި އަލް ނަސްރުން ފަސް ލަނޑު ޖަހާފައިވާއިރު މި މެޗުގެ ފަސްވަނަ މިނިޓުގައި ނަސްރުގެ ޓަލިސްކާ ވަނީ ލަނޑެއް ޖަހާ އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލާފަ އެވެ.
މި މެޗުގެ 31 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަލް އައިންގެ ކާޑޯސޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 3-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނަ އިރުތަކެއް ނުވަނީސް އަލް ނަސްރުގެ ބެންޓޯ އަތުން ބައިކޮޅަށް ލަނޑެއް ވަން ނަމަވެސް މެޗުގެ 81 ވަނަ މިނިޓުގައި ވެސްލީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި އަލް ނަސްރުން ޖެހި ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓަލިސްކާ އެވެ.
މި ނަތީޖާއާއިއެކު އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަސްރު މިހާތަނަށް ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު ވަނީ ތާވަލުގެ ތިންވަނަ އަށް އަރާފަ އެވެ. އެއްވަނައިގައި އޮތް އަލް ހިލާލަށް ހަތަރު މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.