ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި ފަށައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފަށްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މިއީ މާލެ ފިޔަވައި އަތޮޅުތެރޭގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށި ދެވަނަ ރަށެވެ. މި ޚިދުމަތް އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ފަށާފައި ވަނީ ގއ. ވިލިނގިލީގައެވެ.
ކުޑަހުވަދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާނެ ޚިދުމައްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ރައީސް އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.
އެގޮތުން އައިޑީކާޑުގެ ޚިދުމަތް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާގޮތައް ވީ އެންމެ އަވަހަށް އަދި އެންމެ އުނދަގޫ ކުޑަ ގޮތަކަށް ޚިދުމަތް އަތޮޅުތެރެއިން ލިބޭނެ މަގު ފަހިކުރުމަށް ރައީސް އިރުޝާދުދެއްވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
" ކައުންސިލްތަކުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާކަމީ ފާހަގަކޮށްލަން ޖެހޭކަމެއް. ކައުންސިލްތަކުން އިސްނަގައިގެން މި މަސައްކަތް ކުރަން ބޭނުންވޭ. މި ކަމަކީ ވަރަށް ޚަރަދު ހިނގާކަމަށްވުމުން އަސްލު އަޅުގަނޑުމެން ބޭނުންވާ ބާރު ސްޕީޑުގައި ކުރިއަތް ނުގޮސްގެން މިއުޅެނީ. ކައުންސިލްތަކުން އެދެމުން ދާ ތަރުތީބުން މަސައްކަތް ކުރަމުން މި ދަނީ" ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ކުޑަހުވަދޫގައި ފެށީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކުކަމަށެވެ. އެ ވުޒާރާއިން ވިދާޅުވީ އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ބޮޑު ހޭދައެއްވާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ޚިދުމަތް ދިނުމަށް ފޯރުކޮށްދެމުންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދެއްވާ ކަމެކެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ޤާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ޚިދުމަތްވެސް ވަނީ މިއަހަރު ތަޢާރަފްކޮށްފައެވެ.