ޚަބަރު

ހުރިހާވެސް ވިސްނުމެއް ހުރީ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅެންޖެހޭ މެޗަށް – އަމޮރިމް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ސްޕޯޓިންގ ނިކުންނައިރު އެ ޓީމުގެ ހުރިހާވެސް ވިސްނުމަކީ މި މެޗުން މޮޅުވުން ކަމުގައި ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ރަސްމީކޮށް ހަވާލުވާނެ ކަމަށް އިއުލާން ކޮށްފައިވާ އަމޮރިމް ބުނެފައިވަނީ މިވަގުތު އޭނާގެ ވިސްނުން ހުރީ އޭނާ މިހާރު ކޯޗުކޮށްދޭ ސްޕޯޓިން އަށް ކާމިޔާބީ ހޯދައިދިނުމަށް ކަމަށާއި އެހެން ކްލަބަކާއިމެދު ވިސްނާނީ އެހެން ކްލަބަކާއިއެކު މަސައްކަތް ފެށުމުން ކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗަކަށް އޭނާ ހަމަޖެއްސުމުން ދެން ކަންތައްތައް ވާނެ ގޮތުގެ ވާހަކަ މިހާރު ދެއްކުން ރަގަޅު ނޫން ކަމަށާއި އެ މަސައްކަތް ފެށުމުން ދެން އެވާހަކަ ދެއްކިދާނެ ކަމަށެވެ. އަދި މިހާރު އޭނާގެ ހުރިހާވެސް ވިސްނުމަކީ މި މެޗުގައި ސްޕޯޓިންއަށް ކާމިޔާބީ ހޯދައިދިނުން ކަމަށް ވެސް އަމޮރިމް ވަނީ ބުނެފަ އެވެ.

އަމޮރިމް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ ކުރިން އެ މަގާމުގައި ހުރި އެރިކް ޓެންހާގް މަގާމުން ވަކި ކުރުމަށްފަހުގަ އެވެ.

އަމޮރިމް އިތުރަށް ބުނެފައިވަނީ މެންޗެސްޓަރ ސިޓީ އަކީ ވަރުގަދަ ސްކޮޑެއް އޮތް މޮޅު ޓީމެއް ކަމަށާއި އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކީވެސް މެޗުގެ ނަތީޖާ ބަދަލު ކުރެވޭފަދަ މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެހެންކަމުން މި މެޗުގައި ރަގަޅު ނަތީޖާއެއް ހޯދަން ބޭނުންނަމަ އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެކަމަށްވެސް އަމޮރިމް ވަނީ ބުނެފަ އެވެ.