ޚަބަރު

"ސީއެޗްއެސްއީ މާލެ" ހުޅުވުމަކީ ބެލެނިވެރިންނާއި ދަރިވަރުންނަށްޓަކައި ރައީސް ނިންމެވި މުހިއްމު ނިންމެވުމެއް: ވަޒީރު


  • ވަޒީރު ވިދާޅުވީ ސީއެސްއެސްއީ ހުޅުމާލެއަށް ބަދަލުކުރުމުން ގިނަ ބެލެނިވެރިންނާ ދަރިވަރުންނަށް ތަކުލީފު ބޮޑުވިކަމަށް

  • ވަޒީރު ވިދާޅުވީ ސީއެޗްއެސްއީއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މުހިއްމު ބިނާއެއްކަމަށް

"ސީއެޗްއެސްއީ މާލެ" ހުޅުވުމަކީ ވަރަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ އެދުމުގެމަތިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން، މާލެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދަރިވަރުންނާ ވީހާވެސް ގާތުން ތައުލީމު ފޯރުކޮށްދިނުންކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ ސީއެސްއެސްއީ ހުޅުމާލެއަށް ބަދަލުކޮށް ކިޔަވައިދޭން ފެށުމުން ގިނަ ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ގުޅިފައިވާ އެތައް ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގަތްކަމަށެވެ. އެގޮތުން ވާރޭވެހި ބްރިޖްގައި ދަތުރުކުރުން ދަތިވާ ދުވަސްތަކުގައި ހުޅުމާލެއަށް ދަތުރުކުރަންޖެހުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ކަންބޮޑުވުންތަކާއި ގުޅިގެން ސީއެސްއެޗްސީގެ ދަރިވަރުންނަށް މާލޭގައި ތިބެގެން ތަޢުލީމު ޙާސިލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވި މުހިއްމު ނިންމެވުމެއްކަމަށެވެ.

"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްޕުޅަށް މި ޝަކުވާތައް ދިޔުމުން މާލޭގައި އަލުން ސީއެޗްއެސްއީ އަލުން ހުޅުވާ ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ކަށަވަރުކުރެއްވުމަށް އެކަނިކުފާނު ނިންމެވި ނިންމެވުމަކީ އަޅުގަނޑުގެ ހިތުން ތަޢުލީމީ ދާއިރާގެ އެންމެހާ ބޭފުޅުން ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމެއް." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ސީއެޗްއެސްއީއަކީ މުހިއްމު ބިނާއެއްކަމަށެވެ. އަދި އަލަށް ގެނެވުނު ބަދަލާއެކު ގިނަ ދަރިވަރުންނަށް ފުރުސަތުތަކެއް ފަހިވެގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ފުޅާކޮށް އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ވަޒީރު ވިދާޅުވީ ވަކި ކްރައިޓީރިއާއެއް ހަދައިގެން ވަކި ކުދިންތަކެއް ބާކީ ކުރުމުގެ މުސްކުޅި ވިސްނުން ދޫކޮށްލަންޖެހޭކަމަށެވެ. މިގޮތުން ސަރުކާރުން އޭލެވެލްގެ ފުރުސަތު އިތުރު ކުދިންނަށް ފަހިކޮށްދިނުމަށް ފެއްޓެވި މަސައްކަތާއެކު 800 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ލިބިގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޯލެވެލް ނިންމާ ދަރިވަރުންނަށް އިތުރު ގޮތްތައް ފަހިކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން ކުދިން މަގުމަތިވުމުން ދުރުވެގެންދާނެކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ޤައުމު ބިނާކުރުމުގައި ބައިވެރިވާ ކުއްޖަކަށްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.