ޚަބަރު

ތުރުކީވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖޭން ސޮއިކޮށްފި


  • މިއެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދެވޭނެ

  • މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވާނެ

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށްޓަކައި، މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ތުރުކީވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. ދިވެހިރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވި ދިވެހިރައްޔިތުންނާއި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިއެއްބަސްވުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާންއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ދެރައީސުންގެ ބައްދަލުވުމުގައި ދެޤައުމުގެ އިޤްތިސާދީ ގުޅުން ވަރުގަދަކުރުމަށް ކުރެއްވެން ހުރި ކަންކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައިވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޢާދަކުރަނިވި ހަކަތަ އާއި މަތީ ތަޢުލީމުގެ ދާއިރާއިން ދިވެހިރާއްޖެއަށް އެއްބާރުލުންދިނުން ހިމެނެއެވެ.

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑރ.އޯމަރ ބޮލަޓްއެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އިޤްތިޞާދީގޮތުން ގާތްގުޅުމެއް މިހާރުދަނީ ޤާއިމްކުރެވެމުންނެވެ. މިއެއްބަސްވުމުގެ ސަބަބުން މިގުޅުން އިތުރަށް ހަރުދަނާކުރެވި ކުރިއަށްއޮތްތާނގައި ވިޔަފާރި އަދި އިޤްތިޞާދީ ދާއިރާއިން މަސައްކަތްތައް އިތުރުކުރެވި އައު ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވިގެންދާނެއެވެ.