ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުން ހިއްސާވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓު އެއްހަމައަކުން ދިރާސާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ކަނޑައެޅުމަށް ޚާއްސަ އުސޫލެއް އެކުލަވާލައިފިއެވެ.
މިއީ ދަޢުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި މޮނިޓަރކޮށް އިވެލުއޭޓުކުރުމުގެ ޤާނޫނުގެދަށުން އެކުލަވާލާފައިވާ އުސޫލެކެވެ.
"ދަޢުލަތުގެ ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލުކުރާނެ އާއްމު އުސޫލު" ޕީސީބީން މިހާރު އާއްމުކޮށް، ކުންފުނިތަކާއި ކަމާއި ގުޅުންހުރި ފަރާތްތަކަށް ވަނީ ފޮނުވާފައެވެ. މި އުސޫލުގެ މަޤުޞަދަކީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބަޖެޓު އެކުލަވާލުމާއި ރިވިއުކުރާ ގޮތްތައް އެއްހަމަކުރުމެވެ. އަދި ވިޔަފާރި ތަންތަނުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލުކުރާނެ އާއްމު އިޖުރާޢަތު ކަނޑައެޅުމެވެ.
އަދި ބަޖެޓު އެކުލަވާލުމުގައި ހަދަންޖެހޭ އާއްމު ދިރާސާތަކާއި ޕްރޮސެސްތައް ވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ބަޖެޓު ރިވިއުކުރުމަށް ޕީސީބީގެ ބޯޑަށާއި މާލީ ވުޒާރާއަށް ހުށައަޅަންޖެހޭ ލިޔެކިޔުންތައް ހުށައެޅުމުގައި ޢަމަލުކުރާނެ ގޮތްތައް ވަނީ ބަޔާންކޮށްފައެވެ.
ފާސްކޮށްފައިވާ ކުންފުނީގެ ބަޖެޓަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ ކުންފުނީގެ ބޯޑުން އެ ބަދަލެއް ފާސްކުރުމަށްފަހު އެކަމާ ގުޅޭ ސަބަބު މާލީ ވުޒާރާއަށް ހުށައަޅަންޖެހޭނެއެވެ. އަދި ބަޖެޓު ބޭނުންކުރާ ގޮތާމެދު އޮޑިޓްތަކަށް ފާރަވެރިވެ، ރިވިއުކޮށް، ފާހަގަކުރެވޭ ހިރާސްތައް ކުންފުނީގެ އޮޑިޓް ކޮމިޓީއަށް ޤަވާއިދުން ހިއްސާކުރަންޖެހޭގޮތަށް ޕީސީބީގެ އުސޫލުގައި ވަނީ ހިމަނާފައެވެ. އަދި ބަޖެޓު ރިޕޯޓް ރިވިއުތައްވެސް ގަވާއިދުން ކުންފުނިތަކުން ހުށައަޅަމުން ގެންދަންޖެހޭނެއެވެ.
ޕީސީބީން ވިދާޅުވީ 2025ވަނަ އަހަރަށް ބަޖެޓު އެކުލަވާލުމުގެ މަރުހަލާ މިހާރު ފަށާފައިވާތީ، އާއްމުކޮށްފައިވާ ޢުސޫލާ އެއްގޮތަށް ބަޖެޓާ ގުޅޭ ލިޔެކިޔުންތައް އެކުލަވާލަން ފަށާނީ 2026ވަނަ އަހަރަށް ބަޖެޓު އެކުލަވާލާއިރުކަމަށެވެ.
އުސޫލު މިހާރު ޝާއިޢުކުރުމާއި ގުޅިގެން ކުންފުނިތަކާއި ގުޅޭ ބަޖެޓު ހާމަކުރުމުގެ މަސައްކަތާއި، ބަޖެޓު ރިވިއު ފޮނުވުމުގެ މަސައްކަތާއި، ބަޖެޓަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ އެ ބަދަލެއް ގެނައުމުގެ މަސައްކަތާއި އަދި އިންޓަރނަލް އޮޑިޓް ފަންކްޝަންއިން ކުރަންޖެހޭ މަސައްކަތްތައް މި އުސޫލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޕީސީބީން ވަނީ ކަނޑައަޅަފާއެވެ.