އަމާޒަކީ އަންނަ އަހަރު ހުޅުމާލޭގައި ޒަކާތު ހައުސްއަށް ޚާއްސަ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ފެށުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ވަންގަވް" މެދުވެރިކޮށް ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތުތަކާއެއްގޮތަށް ވުޖޫދަށްގެނެވި ހިންގަމުންދާ މުއަައްސަސާއެއްކަމަށާއި އެ މުއައްސަސާގެ ކުރިއެރުމަށް ފާގަތި އަހަރަކަށް އަންނަ އަހަރު ވެގެންދާނެކަަމަށެވެ.
ވަޒީރު ވިދާޅުވީ ޒަކާތު ހައުސްއަށް ޚާއްސަ އިމާރާތެއް ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާކަމަށާއި، އެ އިމާރާތް އެޅުމަށް ބޭޏުންވާ ބިން މިހާރު ހަމަޖެހިފައިވާތި އަންނަ އަހަރު މަސައްކަތް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ ރާއްޖޭގެ ޒަކާތު ހައުސްއަކީ ހަރުދަނާ އަދި ރައްޔިތުންނާއި ގާތުން ޚިދުމަތްދޭ އިޖްތިމާއި މުވައްސަސާއަކަށް ހެދުންކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަމާޒަކީ މޯލްޑިވްސް ޒަކާތު ހައުސް ހުޅުމާލޭގައި ގާއިމް ކުރުން. މިކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަނީ ފެށިފައި. ބިން ވަނީ ހަމަޖެހިފައި. 2025 އަހަރު ބިލްޑިން އެޅުމުގެ މަސައްކަތް ފެށިގެދާނެ. އަމަޒާކަީ ޒަކާތު ހައުސްއަކީ ރާއްޖޭގައި ހުރި އެންމެ ހަރުދަނާ އެންމެ ރައްޔިތުންނާއި ގާތުން ޚިދުމަތްދޭ އިޖްތިމާއި މުއައްސަސާއަށް ހެދުން" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ އިސްލާމީ ދީނުގައި އޮތް އިޖްތިމާއި އެންމެ ބޮޑު ފަންޑަކީ ޒަކާތުގެ ފަންޑުކަމަށެވެ. އެހެންކަމުން ޒަކާތުގެ ބެހެނިވެރިންގެ އެންމެ މަތީ ޙިދުމަތެއް ދިނުމަކީ އަމާޒެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްވެގެންދާނީ މުހިންމު ގައުމީ އިދާރާއަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޓްރޭޑް ނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓްގެ މެނޭޖިން ޑިރެކްޓަރ ސައީދާ އުމަރު ވިދާޅުވީ މި ޚިދުމަތާއެކު ޖުމްލަ 12 އެޖެންސީއެއް ވަންގަވްގެ ޕްލެޓް ފޯރމްއާއި ގުޅިފައިވާކަމަށެވެ. އެހެންނަމަވެސް މި ގުޅިގެން ދިޔަ ޚިދުމަތަކީ ވަރަށް ޚާއްސަ ޚިދުމަތެއްކަމަށް ސައީދާ ފާހަގަކުރެއްވިއެވެ.
ސައީދާ ވިދާޅުވީ ވަންގަވްގައި މިހާތަނަށް ދެމުންއައީ ވިޔަފާރިއާގުޅުން ހުރި ޚިދުމަތްތައް ކަމަށެވެ. އެހެންނަމަވެސް އެއާ ޚިލާފަށް ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ޙިދުމަތެއްކަން ސައީދާ ފާހަގަކުރެއްވިއެެވެ.
އުންމީދަކީ ވިޔަފާރިތަކަށް މި މިދެވޭ ޚިދުމަތްތަކާއި އެކު ރައްޔިތުންނަށް ދެވޭ ގިނަ ޚިދުމައްތައް ވަން ގަވްގެ ޕްލޭޓްފޯމަށް އިިތުރު ކުރެވިގެންދިއުންކަމަށް ސައީދާ ވިދާޅުވިއެވެ. އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން ސަރުކާރުގެ 17 އިދާރެއް ވަންގަވްގެ ޕްލެޓްފޯމަށް ގެނައުންކަމަށް ޓްރޭޑް ނެޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޓްގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުވިދާޅުވިއެވެ.
"ސަރުކާރުން ފައްޓަވާފައުވާ އެއްފުރާޅު ކުރުމުގެ ސިޔާސަތުގެ ދަށުން ޑިޖިޓަލް ފޯމެޓެއްގައި ވަންގަވްގެ ޕްލެޓްފޯރމަށް ގެނެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަމާއި މުޅި ރާއްޖެއަށް ފުޅާވެގެންދިއުން. އެގޮތުން ވަންގަވް މެދުވެރިކޮށް ބޭސްފަރުވާގެ ޙިދުމަތައް އެދުމުގެ ޙިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަގެ މީހުންނަށް ފަސޭހަވެގެން ދާނެ ހިދުމަތެއް. މި ކަމާއެކި ވުޒާރާގެ އެކި ޙިދުމައްތައް އަންނާނެ ކަމަށް އުންމީދު ކުރަން. މި އަހަރު ޖުމްލަ 17 ސަރުކާރުހެ އިދާރާ އިތުރު ކުރުން" ސައީދާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ބޭސްފަރުވާގެ ޚިދުމަތް ވަންގަވްއަށް ގެނެސްފައިވަނީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަކަމާއި އަވަސްކަމާއެކު ޚިދުމަތަށް އެދިލެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށެވެ. އެ ޚިދުމަތް ތަޢާރަފްކުރުމާއެކު މިއަދުން ފެށިގެން ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ޒަކާތު ފަނޑުން ބޭސްފަރުވާގެ އެހީއަށް އެދި ހުށައަޅާ ފޯމުތައް ބަލައިނުގަންނާނެއެވެ.