ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 2 މީހަކު 10 އަހަރަށް ޖަލަށް


ޢުމުރުން 8 އަހަރުގެ ފިރިހެންކުއްޖަކާ، އެކި ދުވަސްމަތިން ޖިންސީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވި 2 މީހަކު 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރައްވައިފިއެވެ.

ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާ ގުޅިގެން މިމަހުގެ ފުރަތަމަ ދުވަހު ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓުން  ޙުކުމްކުރައްވާފައިވަނީ ވ. ފެލިދޫ، ބީޗްސައިޑް، ޢުމުރުން 23 އަހަރުގެ މުޙައްމަދު މުޢާޒާއި އެރަށު މޫންލައިޓް، 25 އަހަރުގެ ޢަލީ ވިޝާންގެ މައްޗަށްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ދައުލަތުން މުޙައްމަދު މުޢާޒާއި ޢަލީ ވިޝާންގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުއްލަވާފައިވަނީ، 2013 ވަނަ އަހަރު އެކިދުވަސްމަތިން 8 އަހަރުގެ ފިރިހެން ކުއްޖަކު ވ. ފެލިދޫ ވަލުތެރެއަށް ގެންގޮސްގެން އެ ކުއްޖާއާމެދު ޖިންސީ ޢަމަލު ހިންގި މައްސަލާގައެވެ.

ދައުލަތުން މި ދެމީހުންގެ މައްޗަށް އުފުއްލެވި ދަޢުވާއަށް ރިޢާޔަތްކުރައްވައި، ކޯޓުން ކުރައްވާފައިވާ ޙުކުމުގައި ވަނީ މުޙައްމަދު މުޢާޒާއި ޢަލީ ވިޝާން ދަޢުވާއަށް އިންކާރުކުރިނަމަވެސް މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅުއްވާފައިވާ ހެއްކާއި ޤަރީނާއިން އެއްވެސް ޝައްކެއް ނެތް މިންވަރަށް ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.