ޚަބަރު

ޣައްޒާގައި ޕޯލިޔޯ ވެކްސިން ޖަހައިދެމުން ދިޔަ މަރުކަޒަކަށް ޔަހޫދީ ފައުޖުން ޙަމަލާދީފި


ފަލަސްޠީނުގެ ޣައްޒާގެ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރަމުންދިޔަ މަރުކަޒަކަށް ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާއެއްދީ, ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)ން ބުނީ, ޣައްޒާ ސިޓީގެ އަލް-ޝައިޚް ރިޟްވާން ސަރަޙައްދުގައި ހުރި ވެކްސިން ދޭ މަރުކަޒަށް ޔަހޫދީ ފައުޖުން ދިން ޙަމަލާގައި ހަ މީހުން ޒަޚަމުކޮށްލި ކަމުގައެވެ. އަދި, އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމުގައެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ނިރުބަވެރި ޙަމަލާތަކާ ގުޅިގެން އެތަކެއް ދުވަހަކަށް މެދުކަނޑައިލާފައި އޮތުމަށް ފަހު, ޕޯލިޔޯ ވެކްސިން ޖަހައިދިނުމުގެ ކެމްޕޭން އަލުން ފަށާފައި ވަނީ ނޮވެންބަރު 2ވަނަ ދުވަހުއެވެ. 25 އަހަރަށް ފަހު ޕޯލިޔޯ ބަލި ޖެހިފައިވާ ކުއްޖަކު ޣައްޒާއިން ފެނިފައި ވަނީ އޮގަސްޓު މަހުއެވެ. އަދި, ޑަބްލިޔުއެޗްއޯން އިސްނަގައިގެން, ޣައްޒާގެ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ފަށާފައި ވަނީ ސެޕްޓެންބަރު 1ވަނަ ދުވަހުއެވެ. ނޮވެންބަރު 2ވަނަ ދުވަހު ފަށާފައި ވަނީ އެ ކޭމްޕޭންގެ ދެވަނަ ފިޔަވައްސެވެ.

ވެކްސިން ޖަހައިދިނުމުގެ ކެމްޕޭނަށް ފުރުޞަތު ދިނުމުގެ ގޮތުން ޔަހޫދީން ވަނީ, ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ފަށާފައިވާ ޤަތުލުޢާންމުގެ ދަށުން ދެމުންދާ ޢުދުވާނީ ޙަމަލާތައް ވަކި ސަރަޙައްދުތަކެއްގައި ވަގުތީ ގޮތުން މެދުކަނޑައިލަން އެއްބަސްވެފައެވެ. ޔަހޫދީން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި ޑަބްލިޔުއެޗްއޯއާއި, ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފު)ން ހާމަކުރިއެވެ. އަދި, ވެކްސިން ޖަހައިދިނުމުގެ ފުރުޞަތު ދީފައިވާ ހަމައެކަނި ސަރަޙައްދަކީ ޣައްޒާ ސިޓީ ކަމުގައި އެ އިދާރާތަކުން ބުންޏެވެ. ނަމަވެސް, ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރަމުން ދިޔަ މަރުކަޒަކަށް ޔަހޫދީ ފައުޖުން މި ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ.

ޣައްޒާގެ އުތުރުގެ ރަށްތަކުގައި ވެކްސިން ޖަހައިދޭން ޖެހިފައިވާ އުމުރުން 10 އަހަރުން ދަށުގެ 119,000އެއްހާ ކުޑަކުދިން ތިބި ކަމުގައި އެ ދެ ޖަމުޢިއްޔާއިން ހާމަކުރިއެވެ. ނަމަވެސް, ޔަހޫދީ ފައުޖުގެ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން އެ ހުރިހާ ކުދިންނަށް ވެކްސިން ޖަހައިދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމުގައި ޑަބްލިޔުއެޗްއޯއާއި ޔުނިސެފުން ބުންޏެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތެރިން ރަސެލް ވިދާޅުވީ, އެ އިދާރާގެ އޮފިޝަލުންތަކެއް ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ވެސް ޔަހޫދީ ފައުޖުން ވައިގެ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އެއީ, ވެކްސިން ޖަހައިދިނުމުގެ ކެމްޕޭންގައި ހަރަކާތްތެރިވަމުން ދިޔަ މުވައްޒަފުން ދަތުރު ކުރަމުން ދިޔަ އުޅަނދަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި އެ މީހުންގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.

"މިއަދު ހެނދުނު, ވެކްސިން ކެމްޕޭނުގައި މަސައްކަތް ކުރާ ޔުނިސެފްގެ މުވައްޒަފުން ޖަބާލިޔާގައި ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ކުއަޑްކޮޕްޓަރެއް ބޭނުން ކޮށްގެން ޙަމަލާ ދީފައިވޭ. ޙަމަލާގައި ކާރަށް ގެއްލުންވި. ނަސީބަކުން, އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ނުލިބޭ. ނަމަވެސް, އެ މީހުން ތިބީ ބިރުން ޝޮކެއް ޖެހިފައި،" ރަސެލް ވިދާޅުވިއެވެ. ޣައްޒާގެ ޢާންމު ރައްޔިތުންނަށް ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހިފައިވާ ބިރުވެރި, އަދި ނުރައްކާތެރި ހާލަތު, އެ ޙަމަލާތަކުން ސާބިތުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން މި ވަގުތު ދަނީ ޣައްޒާގެ އުތުރުގައި އޮތް ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި, ބަޔިތު ލާޙިޔާ އަދި ބަޔިތު ހާނޫނަށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންނެވެ. ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު އެ ސަރަޙައްދު އޮތީ ވަށައިލާފައެވެ. ރަސެލް ވިދާޅުވީ, ފާއިތުވި 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން އެ ރަށްތަކަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 50އަަށްވުރެ ގިނަ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޖަބާލިޔާއާއި ބަޔިތު ލާޙިޔާގެ އިތުރުން ދެކުނުގައި އޮތް ރަފަޙަަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 23 މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރެއިން 13 މީހުން ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އުތުރުގައި ހިންގަމުންދާ ޤަތުލުޢާންމުގައެވެ. މީގެ އިތުރުން, ނޮވެންބަރު 1ވަނަ ދުވަހު ނުޞިޔިރާތު ރެފިއުޖީ ކޭމްޕަށް ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އިތުރު ހަތަރު މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ހާމަކުރިއެވެ. އެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅެމުން ދިޔަ އިމާރާތްތަކެއް ސުންނާފަތި ކޮށްލާފައިވާއިރު, އެ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތްކޮށް, ޝަހީދު ކޮށްލާފައިވާ މީހުންގެ ހަށިތައް ހޯދަން އޮފިޝަލުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 43,314އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 102,019 މީހުން ޒަޚަމު ކޮށްލާފައެވެ.