ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އަންނަ އަހަރު މަސައްކަތްތަކެއް ފައްޓަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "މަޙްފަލުލް ޤުރްއާނިލް ކަރީމް 1446″ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވަރސިޓީއަށް ފާގަތި އަހަރަކަށްވެގެންދާނެކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވަރސިޓީއާ ގުޅޭ ވަރަށް ރަނގަޅު ތަޞައްވުރެއް އެކުލަވާލައްވާފައިވާކަމަށާއި މި ތަޞައްވަރު ޙަޤީޤަތަކަށް ހެއްދެވުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އަންނައަހަރު އެކަމުގެ ޢަމަލީ މަސައްކަތް ފެށޭތަން ފެންނާނެކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށާއި، އެކަމަށްޓަކައި އިސްލާމީ ޔުނިވަރސިޓީގެ އެންމެހާ ވެރިންނަށް ވަޒީރުވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވަރސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހީންގެ އިތުރުން، މިސަރަހައްދުގެ އެހެން ގައުމުތަކުގެ މީހުންނަށް ވެސް ތައުލީމު ހާސިލު ކުރެވޭނެ މަރުކަޒަކަށް އައިޔޫއެމް ހެދުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި އިސްލާމީ ތައުލީމާއި، ޤުރްއާން ކިޔެވުމުގެ ފަންނު ޒުވާނުންގެ ހިތްތަކުގައި އުފެއްދުމަށް އޮތް ޝައުގުވެރިކަން އައިޔޫއެމުން ހާމަވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
މަޙްފަލުލް ޤުރްއާނިލް ކަރީމަކީ ޤުރްއާން ކިޔަވައިދެއްވާ މުދައްރިސުންނާއި ޤުރްއާނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޙަރަކާތެކެވެ. މިއީ ދިވެހި މުޖުތަމަޢުގައި ޤުރްއާނަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކީރިތި ޤުރްއާން ކިޔެވުމުގެ ތަފާތު ޤިރާއަތްތަކަށާއި ތިލާވަތުކުރުމުގެ ފަންނާއި ހުނަރު ތަރައްގީކުރުން ކުރިއަށްގެންދާ ހަރަކާތެކެވެ.