ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށެވެ.
އެގޮތުން 31 އޮކްޓޯބަރު 2024 ވަނަ ދުވަހު ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާރފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ތަފާތު ދެ ބާވަތެއް ކަމަށްވާ ކެތިނޯން 416 ގްރާމް އަދި ކެނެބިސް 5520 ގްރާމަށް ވަނީ ޕޮޒިޓިވްވެފައެވެ. މިތަކެތީގެ މަގުމަތީ އަގު 3.3 މިލިޔަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ 45 އަހަރުގެ ދިވެހި ފިރިހެނެއް ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކޮށްފައިވާކަމަށެވެ.