ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިފަޢީ ބާރުގެ އަސްކަރީ ޤާބިލީއްޔަތުކަން ދައްކުވައިދޭ "މިލިޓަރީ ޑިސްޕްލޭ" ހަރަކާތެއް ބާޢްވަން ތައްޔާރުވެފައިވާ ކަމަށް ޤައުމީ ދިފަޢީ ބާރުން ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުން ކުރިއަށްގެންދާ މި ހަރަކާތަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3ގެ ހަމަލާއަށްފަހު ދިވެހި އަސްކަރީއްޔާއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ.
މާދަމާ ހަވީރު ބާއްވަން ހަމަޖެހިފައިވާ، މި ހަރަކާތާއި ގުޅޭގޮތުން ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ނޮވެމްބަރު 3 ގައި ކުރިމަތިވި ފަދަ ޢުދުވާނީ ހަމަލާއެއް ކުރިމަތިވެއްޖެނަމަ ޢަމަލުކުރާނެ ގޮތް އާންމުންނަށް ދައްކާލާނެ ކަމަށެވެ. އެގޮތުން ކަނޑުގެ މަގުންނާއި، ވައިގެ މަގުން އަދި އެއްގަމު މަގުން ދެވޭ ޢުދުވާނީ ހަމަލާތަކެއް އައި ހާލަތެއްގައި އަމަލުކުރާނެ ގޮތް ދައްކާލަދޭނެ ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއެވެ.
މިހަރަކާތާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކޯސްޓްގާޑް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ރިޒްމީ ވަލީދު ވިދާޅުވީ، ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގުމަށް ޚާއްސަ "ސްޕެޝަލް ބޯޑް ސްކޮޑްރަން" ގެ ހަރަކާތްތައް ދައްކާލާނެ ކަމަށެވެ.
"މިއީ ކަނޑުމަތީގައި ހިނގާ އޮޕަރޭޝަންތައްކަށް ޚާއްސަކޮށް ކޯސްޓްގާޑް އަދި އެމްއެއެންޑީއެފްގެ ބަހާތަކުގެ ތެރެއިން ކަނޑައެޅުނު ފޯސް. ގާތްގަނޑަކަށް 13 މަސް ދުވަހުގެ ތަމްރީނެއް އެމީހުން ނިންމާލާފައިވޭ. ކުރީގެ ހާދިސާތަކަށް ބަލާ އަދި ނޮވެމަރު 3 ގެ ހާދިސާއަށް ބަލާއިރުވެސް ކަނޑުމަތީ އޮޕަރޭޝަން ހިންގަން ޚާއްސަ ބަޔަކު ތިބެން ޖެހޭ" ކާނަލް ރިޒްމީ ވަލީދު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށްދާނީ ޖުމްހޫރީ މައިދާނުގައެވެ. މިގޮތުން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅިފައިވާއިރު، ޤައުމީ ދިފާޢީ ބާރުން އެދެނީ މި ހަރަކާތްތައް ބެލުމަށް އެ ސަރަހައްދަށް ދާ ފާރާތްތަކުން އަވަހަށް އައިސް ސެކިއުރިޓީ ކްލިއަރެންސް ނިންމުމަށެވެ.
އެގޮތުން މާދަމާ ހަވީރު 3:15 އިން ފެށިގެން 4:15އާ ހަމައަށް ސެކިއުރިޓީ ކްލިއަރެންސް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހަރަކާތުގައި އެމްއެންޑީއެފް އެއަރ ކޯގެ ހަރަކާތްތަކާއި، ކޯސްޓްގާޑް އަދި ސިފައިންގެ ތަފާތު އުކުޅުތައް ޤައުމީ ދިފާޢީ ބާރުގެ އެންމެ ފަހުގެ ވަސީލަތްތަކާއި އެކު ދައްކާލާނެއެވެ.