ޚަބަރު

ވިނީޝިއުސް އާއި ރަފީނިއާ އާއެކު ބްރެޒިލް ސްކޮޑް އިއުލާންކޮށްފި، މި ފަހަރުވެސް ނޭމާއަށް ޖާގައެއް ނެތް


ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ރެއާލް މެޑްރިޑުގެ ވިންގް ވިނީޝިއުސް ޖޫނިއަރ އާއި ބާސެލޯނާގެ ވިންގް ރަފީނިއާ އާއެކު ބްރެޒިލްގެ ސްކޮޑު އިއުލާންކުރިއިރު، މި ފަހަރުވެސް ނޭމާއަށް ފުރުސަތެއް ނުލިބުނެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ނޭމާ ވަނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު ފާއިތުވެދިޔަ ހަފްތާގައި އޭޝިއަން ޗެމްޕިއަންސް ލީގުގައި އަލް އައިން އަތުން 4-5 އިން އަލް ހިލާލް މޮޅުވި މެޗުގައި ކުޅެން ނިކުމެފައެވެ.

ނޭމާ ނެތްނަމަވެސް، މިވަގުތު ބާސެލޯނާގެ ތަރި ރަފީނިއާ ހުރި ފޯމުގެ ސަބަބުން ބްރެޒިލްގެ އެޓޭކު ފެންނަނީ ވަރުގަދަކޮށެވެ. އޭނާގެ ކްލަބު ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި ރެއާލް އަތުން 4-0 އިން މޮޅުވިއިރު، ލަނޑެއްޖަހާފައިވާއިރު، އޭގެކުރީން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ވަނީ ހެޓްރިކް ހަދާފައެވެ. މީގެއިތުރުން، ބްރެޒިލް އެންމެ ފަހުން ކުޅުނު މެޗުގައިވެސް ރަފީނިއާ ވަނީ ދެލަނޑުޖަހައިފައެވެ.

މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައި ކަރަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބްރެޒިލްގެ މެޗުތަކުގައި ބައިވެރިނުވެވުނު ވިނީޝިއުސް އެނބުރިއައިއިރު، އޭނާ އާއެކު ރެއާލަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް، އެންޑްރިކް މި ފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ.

ބްރެޒިލަށް ދެން އެންމެ އަވަހަށް އޮތީ މި މަހުގެ 15 ވަނަ ދުވަހު ރަށުން ބޭރުގައި ވެނެޒުއެލާއާ ބައްދަލުކުރަންޖެހޭ މެޗެވެ. އެއަށްފަހު، އޭގެ ފަސް ދުވަސްފަހުން އަމިއްލަ ދަނޑުގައި ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ބްރެޒިލް އޮތީ 16 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ކުރީގައި އުޅޭ ވާދަވެރި އާޖެންޓީނާއާ އެ ޓީމާ ދެމެދު ހަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ބްރެޒިލްގެ ސްކޮޑް:

  • ގޯލްކީޕަރުން: ބެންޓޯ (އަލް ނަސްރު)، އެޑާސަން (މެންޗެސްޓާ ސިޓީ)، ވެވާޓަން (ޕަލްމެއިރާސް)
  • ޑިފެންޑަރުން: ޑަނީލޯ (ޔުވެންޓަސް)، ވެންޑާސަން (މޮނާކޯ)، ގިލާމޭ އަރާނާ (އެތުލެޓިކޯ މިނެއިރޯ)، އެބްނާ (އޮލިމްޕިކް ލިޔޯން)، އެޑާ މިލިޓާއޯ (ރެއާލް މެޑްރިޑް)، ގެބްރިއަލް މަގައްލޭޝް (އާސެނަލް)، މާކީނޯސް (ޕީއެސްޖީ)، މުރީލޯ (ނޮޓިންގހަމް ފޮރެސްޓް)
  • މިޑްފީލްޑަރުން: އަންޑްރޭ (ވުލްވްސް)، އަންދްރެއަސް ޕެރޭރާ (ފުލަމް)، ބްރޫނޯ ގިމަރޭޝް (ނިއުކާސަލް ޔުނައިޓެޑް)، ޖެރްސަން (ފްލަމެންގޯ)، ލޫކަސް ޕަކޭޓާ (ވެސްޓް ހޭމް ޔުނައިޓެޑް)، ރަފީނިއާ (ބާސެލޯނާ)
  • ފޯވާޑުން: އެސްޓެވާއޯ (ޕަލްމެއިރާސް)، ރޮޑްރީގޯ އާއި ވިނީޝިއުސް (ރެއާލް މެޑްރިޑް)، ލުއިޒް ހެންރީކް އާއި އީގޯ ޖީސަސް (ބޮޓަފޯގޯ)، ސާވީނިއޯ (މެންޗެސްޓާ ސިޓީ)