މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން މިހާތަނަށް 1300އަށްވުރެ ގިނަ މީހުން އާސަންދަ ސްކީމްގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހައްދާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަހަރަކު ދެ ފަހަރު އާސަންދަ ސްކީމްގެ ދަށުން މެޑިކަލް ޗެކަޕް ހެއްދޭގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ 14 ހަފުތާގެ ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖުލައި މަހުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށްވެސް އާސަންދައިން މެޑިކަލް ޗެކަޕް ހެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ސިއްޙީ ދާއިރާއަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ވަޢުދުފުޅާއެއްގޮތަށް އާސަންދައިން މެޑިކަލް ޗެކަޕް ހެއްދުމުގެ ފުރުޞަތު އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ހުޅުވާލާފައިވާއިރު މިހާތަނަށް އެ ހޮސްޕިޓަލްތަކުން 1336 މެޑިކަލް ޗެކަޕް ހައްދާފައިވާ ކަމަށެވެ.
އިބްރާހިމް ޢަބްދުއްރައްޒާޤު ވިދާޅުވީ މެޑިކަލް ޗެކަޕް ހެއްދުމުގެ ފުރުޞަތު ދިނުމަކީ ޖީލުތަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމެއް ކަމަށެވެ.
"މިއީ އަންނަން އޮތް މުސަތުބަލަށް، ދަރިންގެ ދަރިންނަށް މިއިން ފައިދާ ކުރާނެ ކަންކަން. އަބަދުވެސް ޓަރޝަރީ ކެއަރގެ ހޮސްޕިޓަލްތަކަށް މިއަންނަނީ ބަލިވީމަ އެއަށް ފަރުވާ ހޯދަން. އެކަމަކު ބަލިވުމުގެ ކުރިން ނޫނީ އެބަލި ބޮޑުވުމުގެ ކުރިން ކަމެއް ހުރިތޯ ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރެވިފައިމިވަނީ" މާލެ ސިޓީ ގްރޫޕް ހޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.
އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.
ސަރުކާރުގެ ޞިއްޙީ ފަރުވާދޭ ކޮންމެ ހޮސްޕިޓަލަކުންވެސް ކޮންމެ ދިވެއްސަކަށްވެސް ހިލޭ މެޑިކަލް ޗެކަޕް ހެއްދޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އުމުރުން 40 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކެންސަރ ސްކްރީންކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
ދާއިމީ ބޮޑެތި ބަލިތައް ގިނަވެ ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ. ދައުލަތުން ބޭސްފަރުވާއަށް ކުރާ ހޭދަ ކުޑަކުރުމާއެކު ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވާފައިވާ ވަޢުދުފުޅުގެ ދަށުން ހުޅުވާލި މެޑިކަލް ޗެކަޕްގެ ހެދުމުގެ ފުރުޞަތުގެ ބޭނުން ހިފުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރައްވައެވެ. މީގެ ސަބަބުން ދުރަލާ ބަލިތައް ދެނެގަނެވި އެބަލިން އަރައިގަތުމުގެ ފުރުޞަތު ލިބޭނެއެވެ.