މޯލްޑިވްސް މީޑިއާ ކައުންސިލުން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް މިއަހަރު ދީފައިވަނީ އުޞޫލުތަކާއި ޚިލާފަށްކަމަށް މީޑިއާ ކައުންސިލްގެ އެވޯޑަށް ހުށަހެޅުނު ކޮންޓެންޓްތައް ބެއްލެވި ފަނޑިޔާރުންގެ ޕެނަލުން ވިދާޅުވެއްޖެއެވެ.
ދިވެހި މީޑިއާއާއި ނޫސްވެރިކަމުގައި ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑާ ޚިލާފަށް ރާއްޖޭގެ މީޑިޔާއަކުން އުފައްދާފައިވާ ޑޮކިޔުމެންޓަރީއަކަށް މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ދީފައެވެ. މިކަމާ ގުޅިގެން ޢާންމުންގެ ފާޑުކިޔުންތައް މީޑިޔާ ކައުންސިލަށް ވަނީ އަމާޒުވެފައެވެ.
11 ވަނަ މީޑިއާ ކައުންސިލްގެ އެވޯޑަށް އިންސާފު ކުރެއްވި 6 ފަނޑިޔާރުން ސޮއިކުރައްވާ ނެރުއްވި ބަޔާނުގައި ވިދާޅުވީ ތަޙުޤީޤީ ނޫސްވެރިކަމުގެ އެވޯޑް ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިޔާގެ އަޚުލާޤީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް ބެލުމެއްނެތި ޝާއިޢުކޮށްފައިވާ ކޮންޓެންޓެއްކަން މޯލްޑިވްސް މީޑިއާ ކައުންސިލަށް ފާހަގަވެ، އެ ކައުންސިލުން މީގެ ކުރިން ބަޔާނެއްވެސް ނެރެފައިވާ ކަމަށެވެ. އަދި މި އުފެއްދުން ބަލައިގަނެ، އެވޯޑަށް ނޮމިނޭޓުކޮށް ފަނޑިޔާރުންގެ މޭޒަށް ހުށައަޅާފައިވަނީ ކައުންސިލުން ބަލަން ވާވަރަށް ނުބަލައިކަމަށްވެސް ބަޔާނުގައިވެއެވެ. އެހެންކަމުން މި އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭކަމަށް ފަނޑިޔާރުންގެ ބަޔާނުގައިވެއެވެ.
އެވޯޑަށް އިންސާފު ކުރެއްވި ފަނޑިޔާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އޯޑިއޯ، ވީޑިއޯ ދާއިރާއިން ތަޙުޤީޤީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެގޮތް ވަރަށް ބޮޑަށް މީޑިޔާ ކައުންސިލުން އޮތީ ހަނިކޮށްފައި ކަމަށެވެ. އެގޮތުން ރުބްރިކުގައި 80 އިންސައްތަ ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭންޖެހޭ ގޮތަށްކަމަށާއި ތަޙުޤީޤީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ފަނޑިޔާރުންގެ ބަޔާނުގައިވެއެވެ.
ހަމައެއާއެކު މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި މާކްސްދީ ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށްކަމަށާއި މިފަހަރު އެއިން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން އޯޑިއޯ ވީޑިއޯ ބައިން ތަޙުޤީޤީ ނޫސްވެރިކަމުގެ އެވޯޑު މިއަހަރު ދީފައިވަނީ އިނާމް ދިނުމުގެ އުޞޫލާ ޚިލާފަށްކަމަށް އެވޯޑަށް އިންސާފުކުރެއްވި ފަނޑިޔާރުންގެ ބަޔާނުގައިވެއެވެ.