ޚަބަރު

ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރ ޖުލައި މަހު ހުޅުވަނީ


ހުޅުމާލޭގައި މިހާރު ހަދަމުންދާ ކޮމިއުނިޓީ ސެންޓަރ ޖުލައި މަހުގެ ތެރޭގައި ނިންމައި، ހުރިހާ ވަޞީލަތްތަކާއެކު އެތަން ހުޅުވާނެކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، އެ ސެންޓަރުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، އެތަނަށް ބޭނުންވާ ސާމާނުތައް ގެންނަމުންދާކަމަށެވެ. އަދި މަހެއްހާ ދުވަހުގެ ތެރޭގައި އެތަނުގައި ހިމެނޭ ސިނަމާފަދަ ތަންތަން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14658948267639.jpg|ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޮމިއުނިޓީ ސެންޓަރ- ފޮޓޯ: ޕިއެސްއެމް

ހުޅުމާލެއަކީ ޒުވާނުންގެ ސިޓީއަށް ވެފައި، ހުޅުމާލޭގައި ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ ގޮތުން ހައްދަވާ ކޮމިއުނިޓީ ސެންޓަރުގައި، ސިނަމާއަކާއި އެސޯސިއޭޝަންތަކަށް އެކި ބޭނުންތައް ކުރެވޭގޮތަށް 4 ކްލާސްރޫމާއި، ޖިމަކާއި، އިންޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަމަޖެހިފައި ހުންނާނެކަމަށް ސައިމަން ވިދާޅުވިއެވެ.

އެޗްޑީސީން ޢަމަލީ މަސައްކަތް ކުރިއަށްގެންދާ މި މަޝްރޫޢަށް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ، ޒުވާނުންނަށް ޢަމާޒުކޮށްގެން ހިންގާ މިފަދަ ތަފާތު ޕްރޮޖެކްޓްތައް ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހިންވެސް ފެންނާނެ ކަމަށެވެ. އެގޮތުން ޔޫރޯ މާރކެޓިންގެ ފަރާތުން ހުޅުމާލޭގައި ހަދާ ޔޫތް ޕާކްގެ މަސައްކަތްވެސް މިހާރު އެ ކުންފުނިން ވަނީ ފަށާފައެވެ. ޔޫތް ޕާކަކީވެސް ޒުވާނުންނަށް ގިނަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް ތަރައްޤީކުރާ ޕާކެކެވެ.