ޚަބަރު

ބަންގްލަދޭޝްގެ މުޒާހަރާތަކުގައި މަރުވި މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރަން އދގެ ތުރްކު ގޮވާލައްވައިފި


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅައިލުމުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި މައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް ހިންގަން އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ހައި ކޮމިޝަނަރު ފޮލްކަރ ތުރްކު ގޮވާލައްވައިފިއެވެ. ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ފަށާފައި ވަނީ އެ ޤައުމުގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނެވެ. ޖުލައި މަހުން ފެށިގެން ދަރިވަރުން މުޒާހަރާ ކޮށްފައި ވަނީ, ބަންގްލަދޭޝް ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށެވެ.

މުޒާހަރާތައް ރޫޅައިލަން ބާރުގެ ބޭނުންކޮށް ފުލުހުން ދިން ޙަމަލާތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 1,000އެއްހާ މީހުން މަރުވިއެވެ. އަދި, މުޒާހަރާތައް ކޮންޓްރޯލް ނުކުރެވި, ޙަސީނާއަށް އިސްތިޢުފާ ދެއްވަން މަޖުބޫރުވިއެވެ. އިސްތިޢުފާ ދެއްވުމަށް ފަހު, ޤައުމު ދޫކޮށް އޭނާ އިންޑިޔާއަށް ވަޑައިގަންނަވާފައި ވަނީ އޮގަސްޓު 5ވަނަ ދުވަހުއެވެ. ޙަސީނާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ބަންގްލަދޭޝްގައި ވަނީ ވަގުތީ ސަރުކާރެއް އެކުލަވައިލާފައެވެ. އެ ސަރުކާރުގެ އިސް މުޝީރު ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ.

"ޙައްޤުތައް ހަނިކުރުމާއި, ހަމަނުޖެހުމާއި ލޭއޮހޮރުވުމުގެ ދުވަސްވަރަކަށް ފަހު, އެ ކަމުގެ ޙަޤީޤަތް ސާފު ކުރަން އަދި, ކުރިއަށް ދިއުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަން ޖެހޭ،" އެ ޤައުމުގެ މައިނޯރިޓީ ދަރިކޮޅުތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް, މުޒާހަރާތަކުގައި މަރުވި މީހުންގެ މައްސަލަތަކުގެ ފުރިހަމަ ތަޙުޤީޤެއް ހިންގަން ގޮވައިލައްވައި ތުކްރު ވިދާޅުވިއެވެ. "މުޒާހަރާގައި ބައިވެރިވި މީހުން — ކުޑަކުދިން ވެސް ހިމެނޭ — ޖުލައި އަދި އޮގަސްޓު މަހުގެ ތެރޭގައި މަރުވި, އަދި ޒަޚަމުވި މީހުންނަށް އިންސާފު ހޯދައިދޭން ޖެހޭ."

މުޒާހަރާގެ ބައިވެރިން ހުއްޓުވަން ޙަސީނާގެ ސަރުކާރުގެ އަމުރަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމުގައި އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމުޢިއްޔާތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް, ޙަސީނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އެއީ, 1971ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގައި ހިނގާފައިވާ އެންމެ އަނިޔާވެރި, އަދި ލޭއޮހޮރުވުން ބޮޑު ހާދިސާއެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޞިއްޙީ ވުޒާރާއިން ބުނީ, މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ހިންގި އަމަލުތަކުގެ ސަބަބުން މަރުވި މީހުންގެ އަދަދު 1,000އަށްވުރެ މައްޗަށް އަރާކަމުގައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވެފައިވާ ކަމުގައެވެ. މަރުވި, އަދި ޒަޚަމުވި މީހުންގެ ތެރޭގައި ގިނައީ މުޒާހަރާތަކުގައި ބައިވެރިވި ދަރިވަރުންނެވެ. އަދި, އެ ދަރިވަރުންގެ ޙައްޤުގައި މަގުތަކަށް ނިކުތް ޢާންމު ރައްޔިތުންނެވެ.

ތުރްކުގެ އޮފީހުން ބުނީ, ބަންގްލަދޭޝްގައި ހިނގި މަރުތަކުގެ ޙަޤީޤަތް ހޯދުމަށް އޮގަސްޓު 5ން 15ށް އެ އޮފީހުގެ ޓީމެއް ބަންގްލަދޭޝްގެ ވެރިރަށް ދާކާގައި މަސައްކަތް ކޮށްފައިވާ ކަމުގައެވެ. "[ބަންގްލަދޭޝްގެ] އިދާރާތަކުން އެ ކަންކަމާ މެދު ވީ އެންމެ އަވަހަކަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް, އަދި ފުރިހަ ތަޙުޤީޤެއް ހިންގައި, ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ،" ތުރްކު ވިދާޅުވިއެވެ.