ޚަބަރު

ދެވަނަ ބުރުގައި އައިވީއެފް ހެދުމަށް އެހީދޭ 63 މީހުން ކަނޑައަޅައިފި


  • އައިވީއެފަކީ ދަރިމައިވުމުގެ މައްސަލައަށް ދޭ ޒަމާނީ ފަރުވާއެއް

  • މިއަހަރު 100 މީހުންނަށް އެހީ ދިނުމަށް ނިންމާފައިވޭ

  • 30 މިލިއަންގެ ބަޖެޓެއް އާސަންދައިން ވަނީ ކަނޑައަޅާފައި

ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް އެހީވުމަށް އާސަންދަ ސްކީމް މެދުވެރިކޮށް އައިވީއެފް ހެދުމުގެ ފުރުޞަތު ދިނުމުގެ ދެވަނަ ބުރުގައި، 63 މީހުންނަށް ސަރުކާރުން އެހީ ހަމަޖައްސައިފިއެވެ.

އައިޔޫއައި އަދި އައިވީއެފްގެ ފަރުވާ އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދުގެތެރޭގައި ހިމަނުއްވައިގެން ފެއްޓެވި މަސައްކަތެކެވެ.

މީގެދަށުން އައިވީއެފްގެ ފަރުވާގެ ޚަރަދު އަމިއްލައަށް ކުރުމަށް ދަތިވާ ފާރްތަތަކަށް ދަޢުލަތުގެ އެހީއަށް އެދުމުގެ ފުރުޞަތުގެ ދެވަނަ ބުރަށް ހުޅުވާލި މުއްދަތު ހަމަވީ މިއަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އެމުއްދަތުގައި ޖުމްލަ 215 މީހުން، އައިވީއެފް އެހީއަށް އެދުނުކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއެވެ.

އެންސްޕާއިން މިހާރު މިވަނީ، ދެވަނަ ބެޗުގައި އެހީ ލިބޭ މީހުންގެ ލިސްޓު ނެރެފައެވެ. ދެވަނަ ބެޗުގައި އެހީ ދިނުމަށް 63 މީހުން ކަނޑައަޅާފައިވަނީ، މިއަހަރަށް ކަނޑައެޅި 100 މީހުންގެ އަދަދަށް ބަލައިގެންނެވެ. މި ލިސްޓުގައި މަޢުލޫމާތު ހާމަކޮށްފައިވަނީ އެހީއަށް އެދިފައިވާ ފޯމުގެ އެންޓްރީ ނަންބަރު އެނގޭގޮތަށެވެ. އަދި ޝަރުތު ހަމަވި މީހުންގެ އިތުރުން، ޝަރުތު ހަމަނުވާ މީހުންނާއި އެކަމުގެ ސަބަބުވެސް އާއްމުކުރި ލިސްޓްގައި ހިމަނާފައިވެއެވެ.

އެންސްޕާއިން ވިދާޅުވީ ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ މީހުން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ޙިއްސާކުރުމާގުޅޭގޮތުން، މިމަހުގެ 30ވަނަ ދުވަހުގެ ކުރިން މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ.

އާއްމުކޮށްފައިވާ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިމަހުގެ 10ވަނަ ދުވަހުގެ 14:00ގެ ކުރިން، އީމެއިލް މެދުވެރިކޮށް އެންސްޕާއަށް ހުށައެޅުމަށް އެ އޮތޯރިޓީން ވަނީ އެދިވަޑައިގެންފައެވެ. ޝަކުވާއަށް ބެލުމަށްފަހުގައި، މިހާރު ޝާއިޢުކޮށްފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހޭނަމަ، މުރާޖަޢާކޮށް ލިސްޓް 15 ނޮވެމްބަރުގައި އަލުން ނެރޭނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

އައިވީއެފް ހެދުމަށް ހުޅުވާލި ފުރަތަމަ ބުރުގައި ހުށައެޅި 153 މީހުންގެ ތެރެއިން، ޝަރުތު ހަމަވެ 37 ދެމަފިރިއަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. މިއަހަރު 100 ދެމަފިރިއަކަށް އެހީދިނުމަށް ސަރުކާރުންވަނީ ނިންމަވާފައިވެއެވެ. އަދި އެކަމަށް އާސަންދަ މެދުވެރިކޮށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި އައިވީއެފް ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށްޓަވާފައެވެ. އެގޮތުން މިއަހަރު ދަރުމަވަންތަ ހޮސްޕިޓަލްގައި އައިވީއެފް ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ކޮމްޕެނީސްއިން ވަނީ ހާމަކޮށްފައެވެ.